ޕެރެޑައިސް އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓް ކުރި ހުރިހާ މީހުންގެ ނަތީޖާތައް ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީއެ ރިސޯޓުން ޓެސްތުކުރި 10 މީހުންގެ ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވްވެފައިވާތީ، ކުރިން މޮނީޓަރިންގެ ހާލަތަށް ގެނެވުނު އެ ރަށްވެސް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން، ޕެރެޑައިސް ރިސޯޓުން އިއްޔެ އެކަހެރިކުރީ އަށް ދިވެހިންނާއި ދެ ބިދޭސީ އެކެވެ.

ވިލާގެ ރިސޯޓެއް ކަމަށްވާ ޕެރައިޑައިސް އައިލެންޑް ރިސޯޓު މޮނީޓަރިންގެ ހާލަތުން މިހާރު ނެގިފައިވާއިރު، ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވެ، އާމްދަނީ ދަށަށް ދިޔުމާއެކު، ވިލާ އިން ވަނީ ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ އެހެން ހުރިހާ ޕްރޮޕަޓީއެއް ވަގުތީގޮތުން ބަންދުކުރުމަށް ނިންމާފައެވެ.

އެހެން ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލަން ނިންމާފައި ވަނީ މިވަގުތު އެތަންތަނުގައި ތިބި ފަތުރުވެރިން އަނބުރާ ދިއުމުންނެވެ. ވިލާ ގްރޫޕުން ހިންގާ ރިސޯޓުތަކަކީ ޕެރެޑައިޒް އައިލެންޑް ރިސޯޓު (ކ. ލަންކަންފިނޮޅު)ގެ އިތުރުން ފަން އައިލެންޑް ރިސޯޓު (ކ. ބޮޑުފިނޮޅު)، ހޮލިޑޭ އައިލެންޑް ރިސޯޓު (އދ. ދިއްފުށި)، ރޯޔަލް އައިލެންޑް ރިސޯޓު (ބ. ހޮރުބަދޫ) އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު ކަމުގައިވާ ސަން އައިލެންޑް ރިސޯޓު (އދ. ނަލަގުރައިދޫ)އެވެ.