މާދަމާ ރޭ މެންދަމު 12:00 އިން ފެށިގެން މާލެ ސަރަހައްދުގެ ހުރިހާ ކެފޭ ރެސްޓޯރަންޓްތަކެއް އާންމުކޮށް ބަންދުކުރަން ސަރުކާރުން އިއުލާން ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މާލޭ، ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ކެފޭ އަދި ރެސްޓޯރަންޓްތައް މާދަމާ ރޭ މެންދަމު 12 އިން ފެށިގެން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި، ޓޭކްއަވޭގެ ހިދުމަތް އެތަންތަނުން ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެފޭ ރެސްޓޯތަންޓުތައް އާންމުކޮށް ހުޅުވާފައި ބެހެއްޓުން ބަންދުކުރަން ނިންމި އިރު، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުންވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި މިއަދުގެ ހުކުރު ނަމާދުގެ ބަދަލުގައި މާލެ ސަރަހައްދުގައި މެންދުރު ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ އިރު، އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އަންގާފައެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން އަންގާ ކަމަށާއި ރާއްޖޭގެ ހުރިހާ ސްކޫލްތައް ހުޅުވަން އިތުރު ހަފްތާއަކަށް ފަސްކުރާ ގޮތަށް ނިންމައިފައި ވާއިރު ޓިއުޝަން ކްލާސްތައް މެދުކަނޑާލަންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގައިފައެވެ.

މީގެ އިތުރުން ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސިޓީ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ޓޫރިސްޓުން ޗެކިން ކުރުން ހުއްޓާލަން އަންގާ، މިހާރު އެފަދަ ތަންތަނަށް ޗެކިން ވެފައި ތިބި މީހުން، އެމީހުންގެ ބުކިންގެ މުއްދަތަށް އެތަންތަނުގައި ތިބުމުގައި ހުރަހެއް ނެތްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. މިހާތަނަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.