ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮތް ސިއްހީ ސިޔާސުތައް ދިރާސާކުރުމުންދާ ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ޑރ ސްވީ ކެންގް ކޯރް ބުނާ ގޮތުގައި، ދުނިޔެ މިހާރު މިދެކޭ ކޮރޯނާވައިރަހުގެ ބަލިމަޑުކަމަށް ލުޔެއް ލިބުމުގެ ކުރިން ހާލަތު އިތުރަށް ގޯސްވުން އެކަށީގެންވެއެވެ. ކަންމިހެން އޮތްއިރު، ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ފަރުދީ ފެންވަރުގައި ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ އިޖުތިމާއީ ދުރުހެލިކަން އިސްކުރުމެވެ. ނުވަތަ މީހުންނާ ގާތްވެ، އެކި ގާތް 'ކޮންޓެކްޓް'އެއް ވުމާ ދުރުހެލިވުމެވެ.

އަދުގެ ހާލަތަށް ރިއާޔަތްކޮށް ޑރ ކޯރް ބުނީ ވެކްސިންއެއް ލިބުން އޮތީ 12-18 ވަރަކަށް މަސްދުވަސް ދުރުގައި ކަމަށްވާއިރު، ކަނޑައެޅިގެން ވަކި ފަރުވާއެއްވެސް ކޮވިޑް-19އަށް ނެތް ކަމަށެވެ. މިހާތަނަށް ދެމުންދާ ފަރުވާއަކީ ބަލި މީހާއަށް ލިބޭ ސަޕޯޓެއް ކަމަށާ، މަދު ޕޭޝަންޓުންނަށް އިންޓެންސިވް ކެއާގައިވެސް ފަރުވާދޭން ޖެހޭ ކަމަށެވެ. ކަނޑައެޅިގެން ވަކި ފަރުވާއެއް ނުވަތަ ވެކްސިންއެއްވެސް ނެތް މި ރޯގާއިން ދުރުވުމަށް މިވަގުތު ކުރަން އެންމެ ރަނގަޅު ކަމަކީ އިޖުތިމާއީ ދުރުހެލިކަން އިހުތިޔާރު ކުރުންކަން ޑރ ކޯރް ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19 ފެތުރެމުންދާ އިޓަލީވިލާތުގައި ގެދޮރު ނެތް މީހެއްގެ ހާލު ބެލުމަށް ރެޑް ކްރޮސް ޓީމަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ރޮއިޓާޒް

ސޯޝަލް ޑިސްޓަންސިންގް ނުވަތަ ދުރުހެލިކަން ތަންފީޒުވެގެންދާއިރު އެއްވުންތަކާ، ދީނީ ހަރަކާތްތައްވެސް މަޑުޖައްސާލަންޖެހެއެވެ. އިޖުތިމާއީ ދުރުހެލިކަމުގެ އިރުޝާދު ބުނާ ގޮތުގައި ދެމީހެއްގެ މެދުގައި 1 މީޓަރު ނުވަތަ 3 ފޫޓުގެ ދުރުމިން ހުންނަންޖެހެއެވެ.

ކުއާލަ ލަމްޕޫރުގެ ޔުނިވާސިޓީ އޮފް މަލާޔާގައި ސީނިއާ ފެލޯއެއްގެ ގޮތުގައިވެސް ހަރަކާތްތެރިވަމުންދާ ޑރ ކޯރް ބުނީ، ކަންމިހެން އޮތް ކަމުގައި ވީ ނަމަވެސް ސިޔާސީ އަދި އިގުތިސޯދީ ފައިދާތަކަކަށް ބަލާ، ބައެއް ފަރާތްތަކުން އިޖުތިމާއީ ދުރުހެލިކަން ތަންފީޒު ކުރުމަށް ފަސްޖެހެމުންދާކަމަށެވެ.

ކޮވިޑް-19 ފެތުރެމުންދާ އީރާނުގައި ރައީސް ހަސަން ރޫހާނީ (މ) އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ/ފޮޓޯ: އޭއެފްޕީ

ދުނިޔޭގެ ބައެއް ގައުމުތަކުގެ ލީޑަރުންނަށް ބަލާއިރު މިކަން ފެންނަކަމީ ހިތާމަ ހުރި ކަމެކެވެ. އެގޮތުން ބްރެޒީލްގެ ރައީސް ޖެއީރު ބޮލްސޮނާރޯ ވަނީ އަމިއްލަ ކަރަންޓީނާ ހިލާފަށް ބޭރަށް ނިކުމެވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ، ސަލާމް ކުރައްވާ، ސެލްފީވެސް ނަންގަވާފައެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ ބޮލްސޮނާރޯއާ ބައްދަލުކުރައްވާފައެވެ. ކަންމިހެން އޮތްއިރު ބޮލްސޮނާރޯގެ އެމެރިކާ ދަތުރުފުޅުގައި ބައިވެރިވި 14 މެމްބަރަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ޓްރަމްޕް ގެ ޓެސްޓު ނެގެޓިވް ކަމަށް ވައިޓް ހައުސްއިންވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ވ) އަދި ބްރެޒީލްގެ ރައީސް ޖޭއިރު ބްލޮސޮނާރޯ/ފޮޓޯ: އޭޕީ

ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލާންޖެހިފައިވާ މިދަނޑިވަޅަކީ ގައުމުތަކުގެ ސަރުކާރުތަކާ މެދު ރައްޔިތުންގެ ހިތުގައި ސުވާލުތަކެއް އުފެދި، ބައެއް ސަރުކާރުތަކުގެ މައްޗަށް އިތުބާރު ގެއްލިފައިވާ ވަގުތަކަށްވާއިރު ޑރ ކޯރް ވަނީ ސައިންސްވެރިންނާ ޑޮކްޓަރުންނަށް ފުރުސަތު ދިނުމަށް ގޮވާލާފައެވެ.