ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި 506 ސާމްޕަލްވެސް ނެގެޓިވް ކަމަށާއި، އަދި ނަތީޖާ ނުލިބޭ އިތުރު 11 ސާމްޕަލްއެއް ހުރި ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ދަރުބާރުގޭގަިއ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް ކޮވިޑް19 އަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 506 މީހެއްގެ ސާމްޕަލްއެއް ނެގެޓިވް ވެފައިވާ ކަމަށާއި، އޭގެތެރެއިން ނަތީޖާ ނުލިބޭ 11 ސާމްޕަލްއެއް ހިމެނޭ ކަމަށެވެ. އެގޮތުން ޖުމްލަ ނެގުނު ސާމްޕަލްގެ އަދަދަކީ 530 ސާމްޕަލް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީ ވިލިވަރުގައި 25 ފަރާތެއް ކަރަންޓިންކޮށްފައިވާ ކަމަށާއި، ހުޅުމަލޭ ކަރަންޓީން ފެސިލިޓީގައި 75 ފަރާތެއް، ފަން އައިލެންޑް ކަރަންޓީން ފެސިލިޓީގަ 51 ފަރާތެއް އަދި ޑީއެޗް 11 ގައި އެޑްމިޓް ކުރެވިފައިވާ 2 ފަރާތެއްވާ ކަމަށެވެ. އަދި އައިސޮލޭޝަންގަ ތިބި މީހުންގެ ތެރެއިން 16 ފަރާތެއް ވެލިދޫގައި ތިބިއިރު، ފަރުކޮޅު ފުށީގައި މިވަގުތު އެއްވެސް ފަރާތެއް ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެ ހުރިހާ މީހުންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރެއިން ބައެއް މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ. އަދި ބައެއް މީހުންނަކީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންނެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރިފައިވާތީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ. އަދި މިކަން ކޮންޓްރޯލް ކުރުމަށް ސަރުކަރުން ވަޏީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އެގޮތުން ބޭރުގެ ގައުމުތަކުން މީހުން އައުން މަނާ ކުރުމާއި، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްތަަށް މީހުން ގެންދިއުން މަނާ ކުރުމުގެ އިތުތރަށް ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.