ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ރިސޯޓްތަކުގެ ސްޕާތައް ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހިންގާ ސްޕާތައް ވަކި ގޮތެއް އަންގަން ދެން ބަންދު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ މިއަދު ނެރުއްވި އެންގުމެއްގައި ބުނެފައިވަނީ މިރޭ ދަންވަރު 12:00 އިން ފެށިގެން ރިސޯޓުތަކުގައި ގާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދުކުރަން އަންގާ ކަމަށެވެ. އަދި މީގެ ތެރޭގައި ސެލޫންތައްވެސް ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި ފިޔަވަޅު ތަންފީޒުކޮށް އެ ފިޔަވަޅަށް ފުރިހަމަ އަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށް އަންގާ ކަމަށާއި އަދި މި އެންގުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާއި އަޅާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް ވަނީ އަންގާފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެއެވެ. ރާއްޖެއިން ކޮވިޑް19 ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ ކުއްލީ ސިއްހީ ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ. މީގެ އިތުރުން އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަޏީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ބޭރުގެ ގައުމުތަކުން މީހުން އައުން މަނާ ކުރުމާއި، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްތަަށް މީހުން ގެންދިއުން މަނާ ކުރުން ހިމެނެއެވެ.