ނޭވާހިއްލުން ނުވަތަ ނޭވަޔަށް އުދަނގޫކުރުމަކީ ނޭވާލާ ނިޒާމަށް ޖެހޭ ދާއިމީ ބައްޔެކެވެ. މިބަލި ޖެހުމުން ކުރިމަތިވާ މައިގަނޑު މައްސަލަ އަކީ ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމެވެ. ނޭވާހިނގާ މަގުގައި އިންފްލެމޭޝަން އުފެދި، ނޭވާހިނގާ މަގު ހަނިވެ، ފުއްޕާމެޔަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ބުރޫއަރާ ގޮތްވެއެވެ. ނަތީޖާއެއްގެ ގޮތުން ކެއްސުމުގެ އިތުރުން ނޭވާލާއިރު ތޫލި އަޑެއްހުރުން، ނޭވާކުރުވެ ނޭވާލާން އުދަނގޫވުން، އަދި މެޔަށް ވާންވެ، ފިތޭގޮތް ވުން ފަދަ އެތައް ތަކުލީފެއް އުފުލަންޖެހެއެވެ.
ނޭވާހިއްލާ މީހުންނަކީ ރޯގާ ފެތުރިގެންދާ ދުވަސްވަރު ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ބައެއްކަން އެއްވެސް މީހަކަށް އޮޅިފައެއް ނެތެވެ. މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ ދުވަސްވަރެއް ކަމުން، ނޭވާހިއްލުމުގެ ބަލީގައި އުޅޭ މީހުން އުޅެމުންދަނީ އިތުރު ބިރުވެރިކަމެއްގެ ތެރޭގައެވެ. މިއީ ކަނޑައެޅިގެން ވަކި ފަރުވާއެއް ނުވަތަ ވެކްސިންއެއްވެސް ހޯދިފައި ނުވާ ބައްޔަކަށްވާއިރު، ކޮވިޑް-19ގެ ނުރައްކާ ބޮޑު ގިންތިތަކުގެ ތެރޭގައި ދިގުމުއްދަތުގެ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތައް ހިމެނެއެވެ.
ކޮރޯނާވައިރަހުގެ އާއިލާގެ ހުރިހާ ވައިރަހެކޭ އެއްގޮތަށް ކޮވިޑް-19ވެސް ހަމަލާ ދެނީ ނޭވާލާ ނިޒާމަށެވެ. މިއާއެކު ނޭވާހިއްލާ މީހުންގެ އެންމެ އާންމު ސުވާލަކަށް ވެފައި އޮންނަނީ މި ބަލީގެ ނުރައްކާ، އެމީހުންނަށް ވަކިން ބޮޑުވާނެތޯ ކުރެވޭ ސުވާލެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން މި ސުވާލުގެ ޖަވާބަކަށް ދެނީ 'އަނ' ބަހެވެ. ހިތުގެ ބައްޔާ، ހަކުރު ބައްޔެކޭ އެއްފަދައިން ނޭވާހިއްލާ ބަލީގެ ޕޭޝަންޓުންނަކީވެސް ކޮވިޑް-19ގެ ހާލަތުގައި ނާޒުކު އަދި ބަލިޖެހުމުން ނުރައްކާ ބޮޑު ބައެއްގެ ގޮތުގައި ޑަބްލިއު.އެޗް.އޯއިންވަނީ ލިސްޓުކޮށްފައެވެ. އެމެރިކާގެ އެސްމާ އެންޑް އެލާޖީ ފައުންޑޭޝަނުން ވަނީ ނޭވާހިއްލުމުގެ ބަލި ހުންނަ ފަރާތްތަކަކީ، މުޖުތަމައުގައި ނޭވާލާ ނިޒާމުގެ ބަލިމަޑުކަމެއް ފެތުރިގެންދާ ހިނދު ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަންޖެހޭ ބައެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
ކަން މިހެން އޮތްއިރު، ސިއްހީ މާހިރުން ދައްކާ ވާހަކައިގެ ރާގު ކޮންމެވެސް ވަރަކަށް ތަފާތެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ނޭވާހިއްލުމަކީ ކޮވިޑް-19 ޖެހުމުގެ ނުރައްކާ، އެނޫން ބަޔަކަށްވުރެ ބޮޑުވާ ސަބެބެއް ކަމަށް ބާރުދޭނެ ކަށަވަރު ހެއްކެއް އަދި ނެތެވެ. ޗައިނާއާއި ދެކުނު ކޮރެއާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ނުރައްކާ އޮތްކަމަށް ނުދައްކާ ކަމަށާ، އަދި ބަލި ޖެހުމަށްފަހުގައި ވަކިން އިތުރަށް ބަލިވާތީ ރެކޯޑް ކުރެވިފައި ނުވާކަމަށް އިނގިރޭސިވިލާތުގެ ނޭޝަނަލް ހާޓް އެންޑް ލަންގް އިންސްޓިޓިއުޓްގެ ޕްރޮފެސާ އޮފް ރެސްޕިރޭޓަރީ މެޑިސިން ސަބޭޝަން ޖޯންސްޓަން ވަނީ ވިދާޅުވެފައެވެ.