ރަޝިއާގައި ކިޔަވާ ދިވެހި ތިން ކުދިން ކަރަންޓީން ކޮށްފިއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން ރަޝިއާގައި ކިޔަވާ ދިވެހި ތިން ކުދިން ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

ތިން މީހުން ވެސް ކަރަންޓީނުކޮށްފައި ވަނީ އެމީހުންގެ ގައިގައި ބަލީގެ އަލާމާތް ހުރިކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ފެންނާތީ ކަމަށާއި އެމީހުން ކަރަންޓީނު ކޮށްފައި ވަނީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ތިން ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށާއި ފޮރިން މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ އެމްބަސީން އެކުދިންގެ ހާލު ބަލަމުން އަންނަ ކަމަށެވެ.

ރަޝިއާ އަކީ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ގައުމެކެވެ. އޭގެ ތެރެއިންވެސް ގިނައީ ސިއްހީ ދާއިރާއިން، ޑޮކްޓަރުކަން ކިޔެވުމަށް ގޮސް އުޅޭ ދިވެހިންކަން ފާހަގަ ވެއެވެ.

އަންނަ މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ބޭރު މީހުން އެތެރެވުން މަނާކޮށްފައިވާ ނަމަވެސް، ރަޝިއާގައި އެ ބައްޔަށް ޕޮޒިޓިވްވި ކޭސްތައް ނިސްބަތުން މަދުކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. އެގައުމުގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 114އެވެ. ނަމަވެސް، އެ ގައުމުގައި އޮތް ހަގީގީ ހާލަތު ފޮރުވަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ދަނީ ރަޝިއާ ސަރުކާރަށް އަމާޒު ކުރަމުންނެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ރަޝިއާއަށް ދަތުރުކުރާ ދިވެހިންގެ އިތުރުން އެ ގައުމުގައި މިވަގުތު ތިބި ދިވެހިންވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.