ކޮންމެ ފަދަ ވަޒީފާއެއް އަދާކުރި ކަމުގައި ވީ ނަމަވެސް، މި ވަގުތަކީ ކޮންމެ މީހެއްގެވެސް ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަންވީ ވަގުތު ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި ޓްވިޓާ މެދުވެރިކުރައްވާ އާންމުކުރެއްވި ބަޔާންތަކެއްގައި ޓްރޫޑޯ ވިދާޅުވީ މިއީ ހުރިހާ އެންމެންވެސް ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭންވީ ވަގުތު ކަމަށާ، މިއީ ވަޒީފާ ގެއްލިދާނެތޯ ވިސްނަންވީ ވަގުތު ނޫންކަމަށެވެ. އަދި މިއީ ގެޔަށް ބޭނުންވާ ސާމާނާއި ބޭސްފަރުވާއާ ގުޅުން ހުރި ތަކެތި ގަނެ، އަތުގައި ހުރި ފައިސާކޮޅު ހުސްކޮށްލަން ވިސްނަންވީ ވަގުތު ނޫންކަމަށްވެސް ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ.

މިއާއެކު ޓްރޫޑޯ ވަނީ ކޮވިޑް-19އާ ގުޅިގެން ހާއްސަ ހާލަތު މެދުވެރިވާ އެގައުމުގެ މަސައްކަތްތެރިންނަށް އެހީގެ ހާއްސަ ޕެކޭޖެއް އިއުލާން ކުރައްވާފައެވެ. މި ޕެކޭޖަކީ ވަޒީފާގެ މައިދާނުން އިންޝުއަރަންސް ނުލިބޭ މީހުންނާއި، މުސާރައާއެކު ސަލާން ނުލިބޭ މުވައްޒަފުންގެ ތެރެއިން ސެލްފް-ކަރަންޓީނަށް ދާންޖެހޭ މުވައްޒަފުންނާއި، ކޮވިޑް-19ގެ ޝިކާރައަކަށްވި އާއިލާ މެމްބަރަކަށް އެހީތެރިވާންޖެހޭ މީހުންނަށް ހާއްސަ ޕެކޭޖެކެވެ. ކުރިއަށް އޮތް 14 ހަފުތާގެ މުއްދަތަށް އެކުލަވާލާފައިވާ މި ޕެކޭޖުގެ ދަށުން، ކޮންމެ ދެ ހަފުތާއަކުން 1 ފަހަރު، އެމާޖެންސީ ކެއާ ބެނިފިޓްގެ އެހީ ލިބޭނެ އިންތިޒާމު ކެނެޑާގައި މިހާރު ވަނީ ހަމަޖައްސާފައެވެ.

ކޮރޯނާ ވައިރަސްއަށް ސިއްހީ ގޮތުން ކަމުގެ މާހިރުން އެހީތެރިވަނީ / ފޮޓޯ: ޓްވިޓާ

މީގެ އިތުރުން، ކުޑަކުދިން ގެންގުޅޭ ފަރާތްތަކަށް ހާއްސަ ކޮށްގެންވެސް ޓްރޫޑޯ ވަނީ އެހީގެ ޕެކޭޖެއް އިއުލާން ކުރައްވާފައެވެ. ކޮވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި ވާއިރު ދަރިންނަށް ހިނގާ ޚަރަދުތައް ބޮޑުވާނެތީ ޗައިލްޑް ކެއާ ބެނިފިޓް އިތުރުކުރައްވާނެ ކަމަށާ، ޖީއެސްޓީ ކްރެޑިޓްވެސް އިތުރުވާނެ ކަމަށް ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުޑަކުދިން ގެންގުޅޭ ކޮންމެ ބޮޑު މީހަކަށް 300 ޑޮލަރާ ހަމައަށް ޖީއެސްޓީ ކްރެޑިޓް އަދި ކޮންމެ ކުޑަކުއްޖަކަށް 150 ޑޮލަރުގެ ޖީއެސްޓީ ކްރެޑިޓް ދެއްވާނެ ކަން ޓްރޫޑޯ ވަނީ އިއުލާން ކުރައްވާފައެވެ.

ހަމަ މިފަދައިން، ކިޔަވާ ކުދިންނަށްވެސް ލުއިތަކެއް ހަމަޖެހިފައިވާކަން ބޮޑުވަޒީރު ޓްރޫޑޯ ވަނީ އިއުލާން ކުރައްވާފައެވެ. އެގޮތުން ދަރިވަރުން ތައުލީމު ހާސިލުކުރުމަށް ދޫކޮށްފައިވާ ލޯނުތަކުން އިންޓްރެސްޓް ކަނޑާލާފައި ވާކަމަށާ، ކުރިއަށް އޮތް 6 މަސް ދުވަހު ލޯނު ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ޓްރޫޑޯ ވަނީ އިއުލާން ކުރައްވާފައެވެ.

ގެދޮރު ގެއްލިފައިވާ ފަރާތްތަކަށްވެސް ހާއްސަ އެހީތަކެއް ދިނުމަށް ހަމަޖެހިފައި ވާކަން އިއުލާން ކުރައްވަމުން ޓްރޫޑޯ ވިދާޅުވީ، ސެލްފް-އައިސޮލޭޝަން ހެދުމުގެ ތަނަވަސްކަން ނެތް ފަރާތްކަށް ވަގުތީ ހިޔާތަކުން ފުރުސަތު ފަހިކޮށްދިނުމަށް ފަންޑު އިތުރުކުރަމުން ދާކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން އިގުތިސޯދަށް ބޮޑެތި ލޮޅުންތަކެއް އަރަމުން ދާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރި ވެރިންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ، ކުރިއަށް އޮތް 3 މަސްދުވަހުގެ މުއްދަތަށް ކަށަވަރު ކޮށްދިނުމުގެ ގޮތުން ފަންޑު ދޫކުރުމުގެ ކަންކަން ހަމަޖެހިފައި ވާކަންވެސް ޓްރޫޑޯ ވަނީ ހާމަކުރައްވާފައެވެ. އެއްވެސް ކުންފުންޏަކީ ކޮވިޑް-19 ގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ވަކި ކުރަން މަޖުބޫރީ ހާލަތުގައި އޮންނަން ޖެހޭ ކުންފުންނަކަށް ވެގެން ނުވާނެ ކަމަށްވެސް ޓްރޫޑޯ ކުރެއްވި ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ. ހަމަ މިފަދައިން ދަނޑުވެރިންނަށްވެސް ހާއްސަ އިނާޔަތްތަކެއް ހުރިކަން ޓްރޫޑޯ ވަނީ އިއުލާން ކުރައްވާފައެވެ.

ކެނެޑާއަކީ އިގުތިސޯދީ އަދި މާލީ ގޮތުން ކުރި އަރާފައިވާ ތަނަވަސް ގައުމެއްކަން ފާހަގަ ކުރަން ޖެހެއެވެ. ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާ، ދޭ އިނާޔަތްތަކުގެ ވާހަކަ ދައްކާއިރު އެއް ގައުމު އަނެއް ގައުމާ އަޅާ ކިއުމުގެ ސަގާފަތް ދޫކޮށް، އެބައެއްގެ ހާލައިގެން ކުރިއަށް ގޮސް، މުސްތަގުބަލުގައި ދިމާވެދާނެ މިފަދަ ކަމަކުން އަރައިގަތުމަށް ގައުމު ބިނާކުރުމުގެ ރޫހަށް ކޮންމެ ފަރުދެއްގެ ވިސްނުން ބައްޓަން ކުރުން އެދެވިގެން ވެއެވެ.

ކެނެޑާއިން މިހާތަނަށް 727 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާއިރު 9 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.