ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބިރުވެރިކަން ތަހައްމަލު ނުކުރާ ހަމަ އެކަކުވެސް މި ދުނިޔޭގައި މިވަގުތު ނެތޭ ދެންނެވިދާނެއެވެ. ޗައިނާއިން ފުރަތަމަ ފެނުނު ކޮވިޑް-19 ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި، ހަލުވިކަމާއެކު ފެތުރެމުންދާއިރު އިސްތިސްނާވާ ސަރަހައްދެއް ނުވަތަ ގައުމެއް ނެތޭވެސް ދެންނެވިދާނެއެވެ. ވަކި ފަންތިއެއްގައި ފަރަގެއް ނެތެވެ. ވައިރަހުގެ ފުރިހަމަ ހަގީގަތް އަދި ދެނެގަނެވިފައި ނެތުމާ، ވައިރަސް ނައްތާލާނެ ކަށަވަރު ގޮތެއް އަދި ދެނެގަނެވިފައި ނުވާއިރު، ސިއްހީ އަދި ފަންނީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގައިވެސް މިކަން އޮތީ މިހެންނެވެ.

ކޮވިޑް-19ގެ ޝިކާރައަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 2 ލައްކައަށްވުރެ ގިނަ މީހުން ވެފައިވާއިރު މަރުވި މީހުންގެ އަދަދު 8969 އަށް އަރައެވެ. މަރުވުމަކުން އަދި ކޮވިޑް-19 ކޭހެއް އެގައުމަކުން ހަގީގަތުގައި މަދުވީ ކަމަކަށް ނުދެންނެވޭނެއެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެގެން މަރުވާ މީހުންގެ ފަރާތުން ދެވަނަ މީހަކަށް ބަލިފެތުރުމުގެ ފުރުސަތު އޮވެއެވެ. މިއާއެކު، އެމީހަކު ވަޅުލާ ނިމެންދެން އެ ނުރައްކާ އޮވެއެވެ.

ލޮކްޑައުން ކޮށްފައިވާ އިޓަލީވިލާތުގައި ކޮވިޑް-19ގެ ޝިކާރައަކަށްވެ މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ގެޓީ އިމޭޖަޒް

އަވަށްޓެރި އިންޑިއާގައިވެސް ހިނގަމުންދަނީ މިފަދަ ކަމެކެވެ. އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 171 އަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު 3 އަށް އަރައެވެ. އިންޑިއާ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު ޝަކުވާއަކީ ދިރިހުރި މީހާއަށް ކޮވިޑް-19ގެ ނުރައްކާ ބޮޑުވާއިރު، އެ ބަލީގައި މަރުވުމުން އެމީހެއްގެ އިއްޒަތް ވެއްޔާ މޮޑެވިގެންދާ ކަމުގެ ޝަކުވާއެވެ.

ކޮވިޑް-19ގައި މަރުވާ މީހުންގެ ޖަނާޒާ ކަންކަން ހަމަޖައްސާނެ ވަކި ގޮތެއް އިންޑިއާ ސަރުކާރުން އަދި އެކުލަވާލާފައި ނުވާއިރު، މިހާތަނަށް މަރުވި 3 މީހުންގެ އިއްޒަތް ވެއްޔާ މޮޑެލާފައިވާކަމަށް އެމީހުންގެ އާއިލާތަކުން ދަނީ ބުނަމުންނެވެ. އިންޑިއާގެ ދީނީ އަދި ސަގާފީ ގަބޫލުކުރުންތައް އޮންނަ ގޮތަށް ޖަނާޒާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ދީފައި ނުވާއިރު، އާއިލާ މެމްބަރުންނަށްވެސް މައްޔިތާ ގާތަށް ޒިޔާރަތެއް ނުކުރެވެއެވެ. އެއީ އެކަން ކުރަން އޮންނަ ގޮތެވެ. އެއީ ކުރިންވެސް ދެންނެވިފަދައިން، މަރުވެފައިވާ މީހެއްގެ ފަރާތުންވެސް އިތުރު މީހުންނަށް ވައިރަސް ފަތުރާތީއެވެ.

މިއީ ހަމައެކަނި އިންޑިއާގައި އޮތް ކަމެއް ނޫނެވެ. ވިލާތު ބައްރުން އިޓަލީވިލާތުގައިވެސް މިކަން އޮތީ މިހެންނެވެ. އިޓަލީވިލާތުގައި ކޮވިޑް-19ގެ ޝިކާރައަކަށްވެގެން މަރުވާ ބައެއް މީހުންނަށް ސަންދޯކެއްގެ މިންވަރުވެސް ހަމަޖައްސާ ނުދޭ ކަމަށްވެއެވެ. އާއިލާ މެމްބަރަކު މަރުވުމުން، ޖަނާޒާއަކަށް އަދާކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް، އިޓަލީވިލާތުގެ ރައްޔިތުން އެތައް ގަޑިއިރެއް ނުވަތަ ދުވަހެއްވެސް މަޑުކުރަންޖެހެއެވެ.

ޭއީރާނުގައި ކޮވިޑް-19އާ ގުޅިގެން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ/ފޮޓޯ: ޕިޓްސްބާގް ޕޯސްޓް ގެޒެޓް

އިސްލާމީ ގައުމުތަކުގެ ތެރެއިން އީރާނުގައިވެސް މިކަން އޮތީ މިހެންނެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެ މަރުވާ މީހުން ވަޅުނުލެވި އީރާނުގެ މޯޗަރީތައް ދަނީ ފުރެމުންނެވެ. ސަހަރާތައްވެސް ދަނީ ތޮއްޖެހެމުންނެވެ. ޖައްވުގައި ހުރެ ދުނިޔެއަށް ބަލާލުމުންވެސް އީރާނުގެ ގަބުރުސްތާނުތައް ފެންނަކަމަށްވެއެވެ.

އީރާނަކީ އިސްލާމީ ގައުމަކަށްވާއިރު ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ވީ ނަމަވެސް، ކޮވިޑް-19ގެ ޝިކާރައަކަށްވެގެން މަރުވާ މީހުންނަށް އެފަދަ ފުރުސަތެއް ނޯވެއެވެ.

ކޮންމެ ހާލެއްގައި މަރުވި ކަމުގައި ވީ ނަމަވެސް، އަބުރުވެރިކަމާ އިއްޒަތާއެކު ވަޅުލުމަކީ ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ހައްގެއް ކަމަށް އެންމެންވެސް ގަބޫލުކުރާނެއެވެ. ކަންމިހެން އޮތްނަމަވެސް، ސިއްހީ ނަޒަރަކުން ބަލާއިރު، ކޮވިޑް-19ގެ ޕޭޝަންޓުން މަރުވުމަށްފަހުގައިވެސް ވައިރަސް ފެތުރުމުގެ ފުރުސަތު އޮންނާތީ މިކަން ކުރާނެ އިތުރު އުސޫލުތަކެއް ހޯދުމަށް މިވަނީ ކޮންމެހެން ބޭނުން ޖެހިފައެވެ.

އިންޑިއާގެ ކާރުހާނާއެއްގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތު ނިކުތުމުގެ ކުރިން ކޮވިޑް-19އިން ދިފާއުވުމަށް މާސްކު އަޅަނީ/ފޮޓޯ: އައިއޭއެންއެސް

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ދަރުބާރުގޭގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ސިލްސިލާ ބައްދަލުވުމުގައި، މިކަމާ ގުޅޭ ގޮތުން ދަ ޕްރެސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ މުސާ މުރާދު ވިދާޅުވީ، ކޮވިޑް-19އާގައި މަރުވާ ޕޭޝަންޓުންނާ މެދު އަމަލު ކުރާނެ ވަކި ގޮތެއް ރާއްޖޭގައި އަދި ކަނޑައަޅާފައި ނުވާކަމަށެވެ.