ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރުމަށް ނެގި 130 ސާމްޕަލްވެސް ނެގެޓިވް ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ދަރުބާރުގޭގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރުމަށް ނެގި 130 ސާމްޕަލް ތެރޭގައި ހިމެނެނީ، ފްލޫ ކްލިނިކުން ނެގި 121 މީހެއްގެ ސާމްޕަލް އާއި، އަދި ރާއްޖޭގެ 6 ސަރަހައްދަކުން ކޮވިޑް19 އަށް ޝައްކު ވެގެން ސާމްޕަލް ނަގާފައިވާ މީހުން ކަމަށެވެ. އަދި އެހުރިހާ ފަރާތެއްގެ ސާމްޕަލްވެސް ނެގެޓިވް ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ނެގެޓިވްވި މީހުންގެ ތެރޭގައި ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮންޓެކްޓް ޓްރޭސްވި މީހާގެ ސާމްޕަލާއި އިންޑިއާގެ ބަންގަލޫރުން ރާއްޖެއައި ދިވެއްސެއްގެ ސާމްޕަލާއި ގިލި ލަންކަން ފުށިން ނެގި ދެ މީހެއް ސާމްޕަލް ހިމެނޭ ކަމަށެވެ. މަބްރޫކް ވިދާޅުވީ ގިލި ލަންކަން ފުށިން ސާމްޕަލް ނެގި ދެ މީހުންވެސް ކޮވިޑް19 އަށް ނެގެޓިވްވުމުން އެ ރަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މީގެއިތުރުން އަނަންތަރާ ކިހާވަށް ރިސޯޓުން ސާމްޕަލް ނެގި ބިދޭސީއެއްގެ ސާމްޕަލް ވެސް ނެގެޓިވް ވެފައިވާއިރު މައި ސްކައި ކިޔާ ޔޮޓަކުން ނެގި ދެ މީހެއްގެ ސާމްޕަލާއި ފުރަވެރިން ނެގި ދެ މީހެއްގެ ސާމްޕަލްވެސް ނެގެޓިވް ކަމަށް ،މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޝައްކު ކުރެވިގެން 463 ސާމްޕަލް ނެގިފައިފައިވާ ކަމަށާއި، އޭގެތެރެއިން 450 ސާމްޕަލް ގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ނަތީޖާ ނުލިބި ހުރި 35 ސާމްޕަލް އެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ފްލޫ ކްލިނިކުން މިހާތަނަށް 860 ފަރާތެއް ވަނީ ފަރުވާ ހޯދަން ގޮސްފައިވާއިރު، ޓެރްވްލް ކްލިނިކަށް 236 ފަރާތްތަކުން ފަރުވާ ހޯދާފައިވާ ކަމަށެވެ.

މުޅި ރާއްޖެއިން ވެސް ކޮވިޑް19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެ ހުރިހާ މީހުންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރެއިން ބައެއް މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ. އަދި ބައެއް މީހުންނަކީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންނެވެ. ރާއްޖޭގައި ކޮވިޑް19 ފެތުރިފައިވާތީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.