ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ފަރުވާއެއް ހޯދިފައިވާކަމަށާ، އެ ފަރުވާ ތަހުލީލު ކުރުމަށް މިމަހުގެ ފަހުކޮޅު ޕޭޝަންޓުން ދަފަތަރު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޮސްޓްރޭލިއާގެ ދިރާސާ ޓީމަކުން ބުނެފިއެވެ.

ޔުނިވާސިޓީ އޮފް ކުއީންސްލަންޑްގެ ސެންޓާ ފޮ ކްލިނިކަލް ރިސާޗް ގެ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ޕްރެފެސާ ޑޭވިޑް ޕެޓާސަން ވިދާޅުވީ، މީގެ ކުރިން އެހެން ބައްޔަކަށް ބޭނުން ކުރަމުންދާ 2 ޑްރަގެއް (ބޭހެއް)ގެ އެހީގައި، ޓެސްޓިއުބްތަކުގައި ހުރި ކޮވިޑް-19ގެ ވައިރަހުގެ އަސަރު ނައްތާލެވިފައިވާކަމަށެވެ.

ޕްރޮފެސާ ޕެޓާސަން އިތުރަށް ވިދާޅުވީ އޮސްޓްރޭލިއާއިން އެންމެ ފުރަތަމަ ކޮވިޑް-19އަށް ޕޮޒިޓިވްވި ބައެއް ޕޭޝަންޓުންނަށް ފަރުވާ ކުރުމުގައި އިސްވެ ދެންނެވުނު ބޭސްތައް ބޭނުންކޮށްފައިވާނެ ކަމަށާ، އަދި އެމީހުންގެ ހަށިގަޑުން ވައިރަސް 'ފިލާގޮސް' ބަލި ފަސޭހަވެފައިވާކަމަށެވެ.

ޔުނިވާސިޓީ އޮފް ކުއީންސްލަންޑްގެ ސެންޓާ ފޮ ކްލިނިކަލް ރިސާޗް ގެ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ޕްރެފެސާ ޑޭވިޑް ޕެޓާސަން/ފޮޓޯ: ވައިޓީއައި

ރޯޔަލް ބްރިޒްބަން އެންޑް ވިމެންސް ހޮސްޕިޓަލުގައި އިންފެކްޝަންތަކުން ޖެހޭ ބަލިތަކަށް ފަރުވާ ދެއްވާ ފިޒީޝަނެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ޕްރެފެސާ ޕެޓާސަން ވިދާޅުވީ، މި ބޭސްތަކަކީ ކަނޑައެޅިގެން ކޮވިޑް-19 ގެ ފަރުވާ ކަމަށް ބުނާ ވަރު ނުވާކަމަށާ، ނަމަވެސް މި ބޭސްތަކަކީ ކޮވިޑް-19އަށް ދެވިދާނެ އުއްމީދީ ފަރުވާއެއް ކަމަށް ބުނެވިދާނެ ކަމަށެވެ.

ކުއީންސްލަންޑް ޔުނިވާސިޓީއިން އިޝާރާތްކުރާ 2 ބޭހަކީ މިހާރުވެސް އޮސްޓްރޭލިއާގައި ދަފުތަރުކޮށް، އެހެން ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުން ކުރަމުން އަންނަ، ހުއްދަ އޮތް 2 ބޭހެކެވެ.

ތަހުލީލީ މަރުހަލާ ކުރިއަށްދާނެ ގޮތް ތަފްސީލުކޮށްދެއްވަމުން ޕްރެފެސާ ޕެޓާސަން ވިދާޅުވީ، މިއީ ފުޅާދާއިރާއެއްގައި ކުރެވޭނެ ތަހުލީލުތަކެއް ކަމަށާ، އޮސްޓްރޭލިއާގެ ހުރިހާ ސަރަހައްދަކުން 50 ހޮސްޕިޓަލެއްގައި މި ތަހުލީލުކުރެވޭނެ ކަމަށެވެ. އެގޮތުން މި 2 ބޭސް، 1 ބޭސް އަނެއް ބޭހާ އަޅާ ބަލައިގެން ކާމިޔާބު ބޭހެއް ދެނެގަތުމާ، ދެ ބޭސް އެއްކޮށްގެން ދީގެން ނެރެވޭ ނަތީޖާ ބަލަމުންދާނެ ކަމަށް ޕްރޮފެސާ ޕެޓާސަން ވިދާޅުވިއެވެ.

ވެކްސިން އުފެއްދުމަށް ބޭނުންވާ ބެކްޓީރިއާ އުފެއްދުމުގެ މަރުހަލާގެ ތެރެއިން/ފޮޓޯ: ބީބީސީ

މިއީ އިސްޓްރޭލިއާގައި މިހާރުވެސް ބޭނުންކުރަމުންދާ 2 ޑްރަގަކަށްވާއިރު މި ބޭހާ ގިނަ ތަފްސީލިތަކެއް އެގައުމުގެ ޑޮކްޓަރުންނަށް އެނގެއެވެ. އަދި މިއީ ހައިރާންކުރަނިވި ސައިޑް އިފެކްޓްތަކެއް ފެންނަ ބޭސްތަކެއް ނޫންކަމަށްވެސްވެއެވެ.

ޕްރޮފެސާ ޕެޓާސަން އިޝާރާތްކުރައްވާ 2 ބޭހުގެ ތެރެއިން 1 ބޭހަކީ އެޗް.އައި.ވީއަށް ދެވޭ ފަރުވާގެ ތެރޭގައި ހިމެނޭ ބޭހަކަށްވާއިރު، އަނެއް ބޭހަކީ މެލޭރިއާއަށް ދެވޭ ފަރުވާގެ ތެރޭގައި ހިމެނޭ ބޭހެކެވެ.

ދިރާސާ ޓީމުން ވަނީ، މި ދިރާސާ އިތުރަށް ފުޅާކޮށް ކާމިޔާބު ކުރުމަށްޓަކާ އާންމުންގެ ފަރާތުން މާލީ އެހީތެރިކަން ބޭނުންވާކަން ހާމަކޮށްފައެވެ.

ޑަބްލިއު.އެޗް.އޯއިން ބުނަނީ ކީކޭ؟

ކޮވިޑް-19ގެ ފަރުވާ، އެޗް.އައި.ވީ ބޭހުގައި އެކުލެވޭ ކަމަށް މީގެ ކުރިންވެސް ވަނީ ވާހަކަދެކެވިފައެވެ. މިކަމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޑައިރެކްޓަރު ޕޫނަމް ކިތްރަޕާލް ސިންހް ވިދާޅުވީ، ކޮވިޑް-19އަށް ފަރުވާ ކުރުމުގައި ވަކި ޑްރަގެއް ކާމިޔާބުވިކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައި ނެތް ކަމަށެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވާ ޕޭޝަންޓުންނަށް ފަރުވާ ދެނީ، އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެން، އެ އަލާމާތްތަކަށެވެ.

ސިންހް ވިދާޅުވީ ކޮވިޑް-19އަށް ޓެސްޓުކޮށް ޑައެގްނޯސް ކުރުމުގެ އުސޫލުތަކެއް މުރާޖައާކޮށް އާންމުކޮށް ބޭނުންކުރަން ފެށުމުގެ ހުއްދައަށް އެދި 40 ފަރާތަކުން މިހާރުވެސް ހުށަހަޅާފައިވާކަމަށެވެ. މީގެ އިތުރުން ތަރައްގީކޮށް ތަހުލީލު ކުރުމުގެ މަރުހަލާގައި 20 ވެކްސިންއެއް އެބަ އޮތްކަންވެސް ޑަބްލިއު.އެޗް.އޯގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ކޮރޯނާ ވައިރަހަށް ޓެސްޓު ކުރާ ސާމްޕަލް އަޅާ ޓިއުބެއް

ބައްޔަކުން ދިފާއުވުމަށް ވެކްސިންއެއް އުފެއްދުމަށް އަހަރުތަކެއް ނަގައެވެ. ނަމަވެސް އެބޯލާގެ ބަލިމަޑުކަމާ ގުޅިގެން މިކަމަށް ލިޔެއް ލިބިފައިވާއިރު، ކޮވިޑް-19އަށްވެސް އެފަދަ މަގެއް ތަނަވަސްވޭތޯ މަސައްކަތް ކުރަމުން އަންނަކަންވެސް ސިންހް ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 165 ގައުމަކާ ސަރަހައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، 198400 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. 7982 މީހަކު މި ބަލީގައި މަރުވިއިރު، 82763 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ.