ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާއި ގުޅިގެން އިންޑިއާއިން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި އިތުރަށް ފުޅާ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އެގައުމަށް އިރުޝާދު ދީފިއެވެ.
އިންޑިއާގެ ދުވަހު ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޑަބްލިއު.އެޗް.އޯއިން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ޑައިރެކްޓަރު ޕޫނަމް ކިތްރަޕާލް ސިންހް ވިދާޅުވީ، އިންޑިއާއިން މިހާރު ޓެސްޓުކުރަމުން ދަނީ ކޮވިޑް-19އަށް ޝައްކުކުރެވޭ ކޭސްތަކާ، ޕޮޒިޓިވްވާ ކޭސްތަކާ ކޮންޓެކްޓްވެފައިވާ ފަރާތްތައް އެކަނި ކަމަށެވެ. އިންޑިއާގެ ލެބޯޓްރީތަކުގެ ގާބިލިއްޔަތުކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާ، ނަމަވެސް ހާލަތު ބަދަލު ވަމުންދާ ވަރަކަށް އެފަދަ ކަންކަންވެސް ބަދަލުވާންޖެހޭ ކަމަށް ސިންހް ވިދާޅުވިއެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ގައުމުތަކުން ކޭސްތައް ރިޕޯޓްކުރާ މިންވަރާ، ވަކިވަކި ސަރަހައްދުތަކުގައި އެބަލި ފެތުރޭ މިންވަރު އިތުރުވެގެން ރިޕޯޓްކުރަމުންދާއިރު، ޝައްކު ކުރެވޭ ކޭސްތައް ދެނެގަނެ، ޓެސްޓުކޮށް، އައިސޮލޭޓްކޮށް ފަރުވާ ދިނުމާ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތްތައް މިހާރަށްވުރެ އިތުރުކުރަން އިރުޝާދު ދެއްވާ ކަމަށްވެސް ސިންހް ވަނީ ފާހަގަކުރައްވާފައެވެ. ސިންހް އިތުރަށް ވިދާޅުވީ ވައިރަހެއްގެ ފެތުރުން ނައްތާލުމުގައި އެޅޭނެ އެންމެ މުހިންމު ދެ ފިޔަވަޅަކީ ޓެސްޓު ކުރުމާ އައިސޮލޭޓް ކުރުން ކަމަށެވެ.
އިންޑިއާ ލޮކްޑައުން ހާލަތަކަށް ގެންދިއުމާ ބެހޭ ގޮތުން ސިންހް ވިދާޅުވީ، އެފަދަ ނިންމުމެއް ނިންމާމީ އެ ގައުމަކުން ކަމަށާ، އެ ނިންމުން ނިންމާނީ ބަލަންޖެހޭ ހުރިހާ ކަމަކަށް ބެލުމަށް ފަހުގައި ކަމަށެވެ. ޑަބްލިއު.އެޗް.އޯއިން ދޭނެ އިރުޝާދަކީ ސިއްހީ މާހިރުންނާ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް އާންމު ރައްޔިތުން ސަމާލުކަން ދީ، އެފަދަ ފަރާތްތަކުން ދޭ ލަފަޔާ ކަނޑައަޅާ އުސޫލުތަކަށް ބޯލަނބާ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެއްބާރުލުން ދިނުން ކަމަށެވެ.
އިޖުތިމާއީ ގޮތުން ބަހައްޓަންޖެހޭ ދުރުމިންތައް ބެހެއްޓުމާ، ވީ ވަރަކުން މަގުތަކަށް ނިކުމެ އާންމު އެއްވުންތަކަށް ނުދިއުމަށްވެސް ސިންހްވަނީ އިރުޝާދު ކުރައްވާފައެވެ. ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެހުމަކީ މިފަދަ ދަނޑިވަޅެއްގައި އާންމު ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވާ ތޮއްޖެހުމުގެ މައްސަލައިން ކުރިމަތިވާ ނުރައްކާވެސް ކުޑަވެގެންދާނެ ކަމެއްކަން ސިންހް ވަނީ ފާހަގަކުރައްވާފައެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބިރުވެރިކަން އިންޑިއާއަށްވެސް އިންތިހާއަށް އެބައޮތް ކަމަށާ، ނަމަވެސް އިންޑިއާގެ އެންމެ އިސް ފަރާތްތަކުން މިކަމުގައި އަދާކުރައްވަމުން އިސް ދައުރާކީ އުއްމީދު ގެނުވަނިވި ކަމެއްކަން ޑަބްލިއު.އެޗް.އޯގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 143އަށް އަރާފައިވާއިރު 3 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 14 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.