މިނިވަން ދައުލަތެއް ކަމަށްވާ މޮނާކޯގެ މިނިސްޓާ އޮފް ސްޓޭޓް ނުވަތަ ސަރުކާރުގެ އިސްވެރިޔާ ސަޣްޖި ތޭލް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވެފައި ވާކަމަށް، މޮނާކޯގެ ސިއްހަތާ ބެހޭ އޮފިޝަލުން ކަށަވަރުކޮށް ދެއްވައިފިއެވެ.

މިއާއެކު ފާއިތުވީ ދުވަސްތަކުގައި އޭނާ އުޅުއްވި ތަންތަނާ، ބައްދަލުކުރެއްވި އެކި ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެޑައިގެންނެވި ނަމަވެސް ތޭލްގެ ހަށިކޮޅުން ބަލީގެ އަލާމާތްތައް އަދި ފެންނަމުން ނުދާ ކަމަށާ، އޭނާ މިވަގުތު ހުންނެވީ އާންމުކޮށްވެސް ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ރަސްމީ މަސައްކަތްތައްވެސް އަދާކުރައްވަމުން ގެންދަވާ، މިކަންކަން ކުރައްވަނީ ވީޑިއޯ ކޮންފަރެންސް ޓެކްނޮލޮޖީ ބޭނުން ކުރައްވައިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އާންމު އެއްވުންތައް ވީހާވެސް މަދު ކުރުމުގެ ގޮތުން، މޮނާކޯގެ ސަރުކާރުން މީގެ ފަހުން ހުރިހާ ބައްދަލުވުމެއް ކުރިއަށް ގެންދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް އެ ދައުލަތުން ވަނީ ކަނޑައަޅާފައެވެ.

މޮނާކޯއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 9 ކޭސްއެއް ވަނީ ރިޕޯޓްކޮށްފައެވެ.