ފެޝަންގެ ދުނިޔެއަށް މަޝްހޫރު ފަރަންސޭސި ބްރޭންޑް ލުއިވިޓޮން (އެލްވީ) އިން ސެންޓު އުފެއްދުމަށް ބޭނުންކުރި ކާރުހާނާތައް ދެން ބޭނުންކުރަމުންދާނީ ހޭންޑް ސެނިޓައިޒާ އުފެއްދުމަށް ކަމަށް، އެ ބްރޭންޑްގެ ބެލެނިވެރި ކުންފުނި އެލްވީއެމްއެޗްއިން ކަނޑައަޅައިފިއެވެ.

ސެންޓު އުފައްދަމުންދިޔަ ކާރުހާނާތަކުގައި ހޭންޑް ސެނިޓައިޒާ އުފެއްދުމުގެ އަމަލީ މަސައްކަތް ފަށަން ހަމަޖައްސާފައިވަނީ މިއަދުން ފެށިގެންނެވެ.

މި ނިންމުމަކީ ވިލާތު ބައްރުގައިވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އިން ރައްކާތެރިވުމަށް ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެ ކުންފުނިން ނިންމި ނިންމުމެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ ނިންމުމެއް ނިންމުމުގެ މަގުސަދަކީ، ވައިރަސްތަކާ ދުރުކޮށްދޭ އެންޓި-ވައިރަލް ޕްރޮޑަކްޓްތައް ލިބުމުގައި ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ ތަދުމަޑުކަން ފިލުވާލުން ކަމަށް އެލްވީއެމްއެޗްއިން ބުނެއެވެ.

އެލްއެވީއެމްއެޗްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެލްވީ ހޭންޑް ސެނިޓައިޒާ ޖެލް ފޯރުކޮށްދެމުންދާނީ އެއްވެސް އަގަކާ ނުލާ ކަމަށެވެ.

އެލްވީގެ ސެންޓު އުފައްދާ ކާރުހާނާތައް މީގެ ކުރިން ބޭނުން ކުރަމުންދިޔައީ ކްޣިސްޗިއޮން ޖިއޯއާއި ޖިވޯންޗީ ފަދަ ބްރޭންޑްތަކަށް ސެންޓާ މޭކަޕްގެ ސާމާނު އުފެއްދުމަށެވެ.