މިހާތަނަށް އަދި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ ހާލު ދެރަވެގެން ފަރަންސޭސިވިލާތުގެ އިންޓެންސިވް ކެއާ ޔުނިޓް (އައި.ސީ.ޔޫ) ތަކުގައި ފަރުވާ ދެމުންދާ 300 އެއްހާ މީހުންގެ ތެރެއިން 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންނަކީ އުމުރުން 60 އަހަރުން ދަށުގެ މީހުން ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ އޭޖެންސީގެ އިސްވެރިޔާ ޖެޣޯމް ސެލޮމަން ހާމަކުރައްވައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ރޮމޭނިއާގެ އޮފިޝަލަކު ރައްކާތެރިކަމުގެ ގިއަރުގަ/ފޮޓޯ: ރޮމޭނިއާ އިންސައިޑާ

ފަރަންސޭސިވިލާތުން މިފަދަ ވާހަކަތަކެއް އާންމުކޮށްފައި މިވަނީ، ކޮވިޑް-19ގެ ނުރައްކާ ބޮޑުވަނީ އުމުރުން ދޮށީ ވާ ވަރަކަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ހާމަކޮށްފައިވަނިކޮށް، ގައުމުތަކުން ނޭދެވޭ ރޫހެއްގައި އެކަން މާނަކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ކޮވިޑް-19ގެ ނުރައްކާ ބޮޑީ ދޮށީ އުމުރުގެ މީހުންނަށް ކަމަށާ، އެއީ އާންމު މުޖުތަމައު ހާސްވެ 'ޕެނިކް' ވާންވީ ސަބަބެއް ނޫންކަން ދޭހަވާފަދަ ރޫހެއްގައި ބައެއް ގައުމުތަކުން ދަނީ ވާހަކަދައްކަމުންނެވެ. މިއާއެކު، ދޮށީ އުމުރުގެ މީހުންނަށް ކުރާ އިހުތިރާމު ކުޑަވާ ކަމަށް ބުނެ، އެކަމާ ދެކޮޅަށްވެސް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.

މިފަދަ ދަނޑިވަޅެއްގައި، ފަރަންސޭސިވިލާތުގެ ގައުމީ ހެލްތް އޭޖެންސީގެ އިސްވެރިޔާ ވިދާޅުވީ، އައިސީޔޫތަކުގައި ފަރުވާ ހޯދަމުންދާ މީހުންގެ 50 ޕަސެންޓްއަށްވުރެ ގިނަ މީހުންނަކީ 60 އަހަރުން ދަށުގެ މީހުން ކަމަށާ، ނަމަވެސް ދޮށީ އުމުރުގެ މީހުންގެ ބަޔަކުވެސް ހާލު ސީރިއަސްވެފައި އެބަތިބި ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސެލޮމަން މިފަދަ ވާހަކަތަކެއް ހާމަކުރެއްވި ނަމަވެސް، 60 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ތަފްސީލެއް ނުދެއްވައެވެ.

އާދީއްތަ ދުވަހުގެ ނިޔަލަށް ފަރަންސޭސިވިލާތުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު އުޅެނީ 5423 ގައެވެ. މަރުވި މީހުންގެ އަދަދު 127 އަށް އަރާފައިވާއިރު، ވިލާތުގައި 3 ވަނައަށް އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދަނީ ފަރަންސޭސިވިލާތުގައެވެ.