ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ހަލުވިކަމާއެކު ފެތުރެމުންދާ އިޓަލީވިލާތުން 24 ގަޑިއިރުގެ ތެރޭގައި 368 މީހުން މަރުވެ، މި ބަލީގައި އެގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު 1809އަށް އަރައިފިއެވެ.

މިއީ 25 ޕަސެންޓްގެ އިތުރުވުމެއް ކަމަށްވާއިރު، ސިއްހީ މާހިރުން ވަނީ އިޓަލީވިލާތުން ލިބެމުންދާ 'އިންޒާރުގެ' ސިގުނަލްތަކަށް ސަމާލުވެ، އެފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށްޓަކައި ގައުމުތަކުން މިހާރުން މިހާރަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ގޮވާލާފައެވެ.

އިޓަލީވިލާތުގެ ސިވިލް ޕްރޮޓެކްޝަން އޮތޯރިޓީގެ ރެކޯޑްތައް ދައްކާ ގޮތުން، އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 24747 އަށް އަރާފައެވެ. މިއާއެކު އިޓަލީވިލާތުގެ ސިއްހީ ނިޒާމު މިވަގުތު އޮތީ މިފަދަ ކަމަކާ ކުރިމަތިލުމަށް އެންމެ އެކަށީގެންވާ ހާލަތުގައިތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދަން ފަށާފައެވެ.

އިޓަލީވިލާތުގެ ސަރުކާރުން މިހާރު ދަނީ ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރަން ޖެހޭ އެކި ކަހަލަ އިތުރު އާލާތްތައް ހޯދުމުގެ މަސައްކަތް ހަލުވިދުވެއްޔެއްގައި ކުރަމުންނެވެ.

ކަންމިހެން އޮތްއިރު، ބޮޑުވަޒީރު ޖޫޒެއްޕެ ކޯންތެ ވިދާޅުވީ މިވަގުތު އެންމެ ހާއްސަ ސަމާލުކަމެއް ދެމުންދަނީ އުތުރުގެ ލޮމްބާޑީ ސަރަހައްދަށް ކަމަށެވެ. މިއީ މީގެ 3 ހަފުތާއެއްހާ ދުވަސް ކުރިން އިޓަލީވިލާތުން ފުރަތަމަ ފަހަރަށް ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެނުނު ސަރަހައްދެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ގައުމު ލޮކްޑައުން ހާލަތަށް ގެނެސް، އާންމު ދިރިއުޅުމުގެ ހަރަކާތްތައް މުޅިންހެން ހުއްޓުމަކަށް ގެނައިތާ ހަފުތާއެއްހާ ދުވަސް ވެފައިވާއިރު، ބޮޑުވަޒީރު ވިދާޅުވީ، ޑޮކްޓަރުންނާ ނަރުހުންގެ އިތުރުން ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާ ރައްކާތެރި ކަމަކީ އެންމެ ހާއްސަ ސަމާލުކަމެއް ދޭ ކަންތައް ކަމަށެވެ.

އާންމު ދިރިއުޅުމާ ވިޔަފާރީގެ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާއިރު ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެދާނެ މާލީ އަދި އިގުތިސޯދީ ހީނަރުކަމަކުން އަރައިގަތުމަށް، އިޓަލީވިލާތުގެ ކަމާބެހޭ ފަރާތްތަކުންދަނީ ލުއި ފަސޭހަ މަގުތަކެއް ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. މިއީ ހަފުތާ ބަންދުގައި ތަންފީޒު ކުރަން ހަމަޖެހުނު އެހީގެ ޕެކޭޖުތަކެއް ނަމަވެސް، މިކަމާ މެދު ގޮތެއް ނިންމާނީ މިއަދު އޮންނަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ފަހުގައި ކަމަށް ޚަބަރު ލިބެއެވެ.