މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް، ވިލާތުގެ އިއްތިހާދުގެ އެންމެ ބޮޑު ދެ ދައުލަތް ކަމަށްވާ ސްޕެއިންއާއި ފަރަންސޭސިވިލާތުން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވަނީ، ކޮވިޑް-19 މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ސަރަހައްދަކީ ވިލާތު ބައްރުކަން ފާހަގަކޮށްފައެވެ.

ވިލާތު ބައްރުން މި ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ އަނބިކަނބަލުން ޑޯންޏާ ބެގޯންޏާ ގޯމޭޒްވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެ ދެމަފިރިންވެސް މިވަގުތު ތިއްބެވީ، ކަމާބެހޭ ސިއްހީ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ ސްޕެއިންއިން 191 މީހަކު މަރުވެފައިވާއިރު، އިޓަލީވިލާތަށްފަހު މި ރޯގާގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީވެސް ސްޕެއިންގައެވެ.

މީގެ އިތުރުން ފަރަންސޭސިވިލާތުގެ ސިޔާސީ އިސް ޝަހްސެއްވެސް ކޮވިޑް-19އަށް ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން މިނިސްޓާ އޮފް އިކޮލޮޖިކަލް އެންޑް އިންކްލޫސިވް ޓްރާންސިޝަންގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްޣޫން ޕޮއިޣްސަން ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ފަރަންސޭސިވިލާތުގެ ސަގާފަތާ ބެހޭ ވަޒީރާ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކާ މުވައްޒަފެއްވެސް ހުސްވި ހަފުތާ ތެރޭގައި ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ސްޕެއިންގައި 2 ހަފުތާގެ މުއްދަތަށް ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު ކޮންމެހެން ގަންނަންޖެހޭ ޒަރޫރީ އެއްޗެއް ގަތުމަށާ، ވަޒީފާއަށް ދިއުމަށް ނޫނީ އެއްވެސް މީހަކު މަގުތަކަށް ނިކުމެ ނުއުޅުމަށް ބޮޑުވަޒީރު ވަނީ އަމުރުކުރައްވާފައެވެ. އަދި ފިކުރީ ހިޔާލު ތަފާތުތައް އެއް ފަރާތްކޮށް، ރައްޔިތުންގެ ސަލާމަތްތެރިކަމާ ރައްކާތެރިކަން އިސްކުރުމަށްވެސް ބޮޑުވަޒީރު ވަނީ ގޮވާލައްވާފައެވެ.

ސްޕެއިންގައި ދާރުލް އާސާރުތަކާ، ސަގާފީ އަދި ކުޅިވަރު މަރުކަޒުތައް ބަންދުކޮށްފައިވާއިރު ކެފޭ/ރެސްޓޯރަންޓްތަކުގައި ތިބެގެން ކައިބޮއި ހެދުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ގޭގެއަށް ކާބޯތަކެތި ޑެލިވާ ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.

ކޮވިޑް-19އާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަމުންދާ ސްޕެއިންގައި އަސާސީ މުއްދާ ވިއްކާ ފިހާރައެއްގައި އާންމުން ހަރަކާތްތެރިވަނީ/ފޮޓޯ: ރޮއިޓާޒް

ކޮވިޑް-19ގެ ޝިކާރައަކަށްވެސް، 91 މީހެއްގެ ފުރާނަ ގެއްލިފައިވާ ފަރަންސޭސިވިލާތުންވެސް ދަނީ ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކެފޭ/ރެސްޓޯރަންޓް އަދި ސިނަމާތައް ބަންދުކޮށްފައިވާއިރު، ގިނަ ފިހާރަތަކެއްގައިވެސް ވަނީ ބަންދު ބޯޑު އަޅުވާފައެވެ. މީގެ އިތުރުން އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުންވެސް ވީހާ މަދުކުރުމަށް އެގައުމުގެ ބޮޑުވަޒީރު ވަނީ ގޮވާލައްވާފައެވެ.

ފަރަންސޭސިވިލާތުން ޕޮޒިޓިވްވި މީހުންގެ އަދަދު 4499 އަށް އަރާފައިވާއިރު، ހޯމަ ދުވަހުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ސްކޫލްތަކުގެ ކިޔެވުންވެސް ވަނީ ބަންދުކޮށްފައެވެ.

ކޮވިޑް-19އާއި ގުޅިގެން ހުޅަނގުން އެމެރިކާއަށް ބަލާއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ކޮވިޑް-19އަށް ޓެސްޓުކުރައްވާފައެވެ. ނަމަވެސް ޓްރަމްޕްގެ ނަތީޖާ ނެގެޓިވް ކަމަށް ރިޕޯޓްތައް ބުނެއެވެ.