ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނިފައި ވާއިރު ޅ. ކުރެއްދޫގެ ގެސްޓުން ފުރުވާލި އިރު ޓީއެމްއޭގެ މުވައްޒަފުންގެ ރައްކާތެރި ކަމަށް އިހުމާލުވި މައްސަލައެއް ހާމަވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ދެވަނަ ދަތުރު ކުރުމަށް ސީޕްލޭން ފުރާފައި ވަނީ މުވައްޒަފަުންގެ ރައްކާތެރި ކަމަށް ބޭނުންވާ މާސްކް ނެތުމުން މުވައްޒަފުން މާސްކް ނާޅައެވެ. އެގޮތަށް ކަންކޮށްފައި ވަނީ މާސްކް ހުސްވެ އެ ވަގުތު ބޭނުން ކުރަން މާސްކު ނެތުމުން ޓީއެމްއޭއިން އެންގުމުން ކަމަށް އެތަނުގެ މުވައްޒަފަކު ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ 11:30 ގައި ޓިއެމްއޭއިން ކުރެއްދޫގެ ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ސީޕްލޭންގައި މަސައްކަތް ކުރި ދެ މުވައްޒަފުންގެ ފަރާތުން ކެއްސުމުގެ އަލާމަތްް ފެނިފައިވާ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

ރާއްޖޭގައި މިހާރު މި ބަލީގެ ހާލަތަށް ބަލާއިރު މިކަމުގައި އެންމެ ބޮޑެތި ކަންބޮޑުވުންތައް ހުރީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. ހަމައެއާއެކު ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ އެއާލައިންސްތަކާއި އެއާޕޯޓް މުވައްޒަފުންގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުންގެ ކަންބޮޑުވުން ދަނީ ހާމަކުރަމުންނެވެ.

މި ބަލީގެ އަލާމާތް ހުރި މީހުން އެންމެ ގިނައިން ފެނިފައި ވަނީ ވެސް ކުރެއްދޫ ރިސޯޓުންނެވެ. މިހާތަނަށް އެ ރިސޯޓުން 5 މީހުން ޕޮޒިޓީވް ވެފައިވާ އިރު އެ ރިސޯޓު ވަނީ އޮރެންޖް ލެވެލް ތިނަކަށް މަތިކޮށްފައެވެ.

އިއްޔެއާ ހަމައަށް އައި އިރު ކުރެއްދޫ ރިސޯޓުން ވަނީ 220 ޓޫރިސްޓުން ފުރުވާލާފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ފުރާފައި ވަނީ 44 ފަތުރުވެރިންނެވެ. ބުރާސްފަތި ދުވަހު 69 ފަތުރުވެރިން ފުރާފައިވާ އިރު ހުކުރު ދުވަހު ފުރާފައި ވަނީ 107 ފަތުރުވެރިނެވެ.

މިހާރު ރާއްޖޭގެ ހާލަތަށް ބަލާއިރު ޖުމްލަ 10 ބިދޭސީން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ކުރެއްދޫން 5 މީހަކާއި ސޭންޑީސް ބަތަލާއިން 2 މީހަކާއި، ކުރަމަތިން 2 މީހެއްގެ އިތުރުން އަނަންތަރާ ދިގުރަށުން އެކަކެވެ.