ބަންގްލަދޭޝްގެ މަޝްހޫރު ފޮޓޯޖާނަލިސްޓް އަދި ނޫސް އެޑިޓަރު ޝަފީގުލް އިސްލާމް ކާޖަލް ވަގަށް ނަގާފައިވާކަމަށް އޭނާގެ އާއިލާއިން ތުހުމަތުކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޝަފީގުލް އިސްލާމް ގެއްލިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއީ ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގައި ނުފޫޒުގަދަ މެމްބަރަކު، އޭނާއާއި ދެކޮޅަށް، އަބުރުގެ ގާނޫނުގެ ދަށުން ދައުވާއެއް ފެންމަތިކުރިތާ 1 ދުވަސް ފަހުންނެވެ. އެ މެމްބަރަކީ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މެމްބަރެކެވެ.
ޝަފީގުލް އިސްލާމްގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ އޮފީހަށް ދިއުމަށް ގެއިން ނިކުތްއިރުގައި ކަމަށްވެއެވެ.
މީޑިއާއާއި ވާހަކަދައްކަމުން ޝަފީގުލް އިސްލާމްގެ ފިރިހެން ދަރިފުޅު ބުނީ އޭނާގެ ބައްޕަ އަމިއްލައަށް ނުގެއްލޭނެ ކަމަށާ، އޭނާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަމަށެވެ. ބައްޕަގެ ސަލާމަތްތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށާ، ހޮސްޕިޓަލުތަކުގެ އެމާޖެންސީ ވޯޑުތައްވެސް ބަލާފައިވާކަމަށާ، ނަމަވެސް އެއްވެސް ހިލަމެއް އަދި ވެފައި ނުވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ޝަފީގުލް އިސްލާމާ އަދިވެސް އިތުރު 31 މީހަކު ހިމެނޭ ގޮތަށް އަބުރުގެ ދައުވާ އުފުއްލަވާފައިވަނީ ބަންގްލަދޭޝްގެ ވެރިކަން ކުރާ އަވާމީ ލީގުގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގައި އިންނަވާ މެމްބަރު ސައިފުއްޒަމާން ޝިކޫރުއެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރާ ޝައިހް ހާސީނާގެ އަރިސް ބޭފުޅެއްގެ ގޮތުގައިވެސް ކުރިން މަސައްކަތް ކުރައްވާފައިވާ އެމްޕީ ސައިފުއްޒަމާން ޝިކޫރު، އަބުރުގެ ދައުވާ އުފުއްލެވީ، ބަންގްލަދޭޝްގައި 'ޖިންސީ އަޅުން'ގެ ނެޓްވާކެއް ހިންގަމުންދިޔަ 2 މީހަކާ ގުޅުން އޮތް ކަމަށް ބުނެ މީޑިއާއަށް ތިލަކުރި ޚަބަރުތަކަކާ ގުޅިގެންނެވެ.
ޝަފީގުލް އިސްލާމް ކާޖަލް ހުރީ ބަންގްލަދޭޝް ފުލުހުންގެ ބެލުމުގެ ދަށުގައި ނޫންކަން، އެ އިދާރާގެ އިސް އިންސްޕެކްޓަރަކުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ކަންމިހެން އޮތްއިރު، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިންވަނީ ޝަފީގުލް އިސްލާމް ކާޖަލް ގެއްލުނު މައްސަލައިގެ މިނިވަން ތަހްގީގެއް ވީ އެންމެ އަވަހަކަށް ހިންގުމަށް ބަންގްލަދޭޝްގެ ސަރުކާރަށް ގޮވާލާފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ތުހުމަތު ކުރާ ގޮތުގައި 2009 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިކަމާ ޝައިހް ހަސީނާ ހަވާލުވެވަޑައިގެންނެވި ފަހުން، އެގައުމުގައި މަޖުބޫރުން ގެއްލުވާލެވޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.