މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ބަލިމަޑުކަން ބޮޑުވެ، އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ވިލާތު ބައްރުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސްވެރިޔާ ޑރ ޓެޑޯސް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ ޓެޑޯސް ވިދާޅުވީ، ކޮވިޑް-19ގެ ޝިކާރައަކަށްވެ މި ދުނިޔެއާއި ވަކިވަމުންދާ މީހުންގެ ތަފާސް ހިސާބުތަކަށް ބަލާލުމުން ފުން ހިތާމައެއް ގެނުވާ ކަމެއް ކަމަށާ، މިއީ ތާރީހުގައިވެސް މިފަދަ ކަމެއްގައި މިހާ ގިނަ އަދަދަކަށް މީހުން މަރުވަމުންދާ ފުރަތަމަ ފަހަރު ކަމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މި ވައިރަހުގެ އަސަރުކޮށްގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 5000އަށްވުރެ މައްޗަށް އަރާފައެވެ. އަދި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 145000 އަށްވުރެ މައްޗަށް އަރާފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާއިން މި ރޯގާގައި މަރުވި މީހުންގެ އަދަދު 3000އަށްވުރެ މައްޗަށް އަރާފައިވާއިރު މީގެ މަހެއްހާ ދުވަސްކުރިން ހަލުވިކަމާއެކު މި ރޯގާ ފެތުރެން ފެށި އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1200އަށް އަރާފައެވެ.

ވިލާތު ބައްރަށް ބަލާއިރު އެންމެ ނުރައްކާ ފައްތަރެއްގައި އޮތީވެސް އިޓަލީވިލާތެވެ. މުޅި ގައުމު އޮތީ ލޮކްޑައުން ހާލަތަށް ގެނެސްފައެވެ.

ހުސްވި ހަފުތާގެ ކުރީކޮޅު ޑަބްލިއު.އެޗް.އޯއިން ވަނީ ކޮވިޑް-19އަކީ ދުނިޔެއަށް އާންމުވެފައި ވާ ބަލިމަޑުކަމެއް ކަމުގައި ކަނޑައަޅާފައެވެ. އަދި މި ވައިރަހުން ދިފާއުވާނެ ވެކްސިންއެއް އުފެއްދުމަށް މާލީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާކަންވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.