ކޮވިޑް19 އާއި ގުޅިގެން ކުރެއްދޫ އައިލެންޑް ރިސޯޓުން އެކަހެރިކޮށްފައިވާ 10 މީހެއްގެ ސާމްޕަލް ނަގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކުރެއްދޫ އައިލަންޑް ރިސޯޓުގައި އެކަހެރިކޮށްފައިވާ 10 މީހެއްގެ ގައިން ސާމްޕަލް ނަގަނީ އެމީހުންގެ ފަރާތުން ކޮވިޑް19އަށް ޝައްކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 8 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ކުރެއްދޫ އައިލެންޑް ރިސޯޓުންވަނީ ހަތަރު ބިދޭސީއަކު ޕޮޒިޓިް ވެފައެވެ. މިއީ މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުން އެންމެ ގިނައިން ފެނުން ރަށެވެ. މީގެ އިތުރުން ކޮވިޑް19 އަށް ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ކުރަމަތި ރިސޯޓުންވެސް ވަނީ 2 މީހަކު ޕޮޒިޓިވް ވެފައެވެ.

މިތިން ރިސޯޓުންވެސް ކޮވިޑް 19 އަށް ޕޮޒިޓިވެ ވެފައިވާ މީހުން ފެނިގެން، މި ރިސޯޓަށް އަރައި ފޭބުން މަނާކުރި ކުރުން ނިމުމަކަށް ގެނެސް ތިން ރިސޯޓު ވެސްވަނީ ހުޅުވާލާފައެވެ. ނަމަވެސް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، މިހާރުވެސް ބަލި ފެނުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރައްހަދެއްގައި އެކަހެރިކޮށް ބޭތިއްބުމުގެ އިންތިޒާމް އެ ރިސޯޓުތަކުގައި ހަމަޖައްސާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެ ތިން ރިސޯޓު ހުޅުވި ނަމަވެސް، ބަލިން ރައްކާތެރިކުރުމަށްޓަކާ އަޅާ ފިޔަވަޅާއި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރާ މަސައްކަތްތައް ތަންފީޒުކުރުމަށްް ސިއްހީ މުވައްޒަފުން ރިސޯޓުގައި ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުން މި 3 ރިސޯޓުން ފެނުމުން ރިސޯޓަށް އަރާ ފޭބުން ބަންދުކުރި ނަމަވެސް އަލުން ހުޅުވި ސަބަބެއް އެޗްޕީއޭއަކުން ނުބުނެއެވެ.