ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ވިލިވަރު ކަރަންޓީނު ފެސިލިޓީގައި ތިބި 3 ދިވެއްސަކު ހޯމް އައިސޮލޭޝަނަށް ބަދަލުކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވިލިވަރު ކައަރަންޓީން ފެސިލިޓީގައި ބެހެއްޓިފައިވާ 3 ދިވެއްސެއް ގޭގައި އެކަހެރިކޮށް ހުރުމަށް ފޮނުވުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
އެޗްޕީއޭން މިހެން ބުނެފައިވާއިރު، ދާދި ދެންމެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކުރައްވާފައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި އިއުލާން ކުރެއްވީ، "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން މިނިސްޓަރަށް ލިބިވަޑައިގަންވާ ބާރުގެ ދަށުން ކަމަށާއި އެ ހާލަތު މުޅި ރާއްޖެއަށް އިއުލާން ކުރެއްވީ 30 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތަކަކީ:
- ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުން.
- މީހުން އެއްވެ އުޅުން މަނާކުރަން އަމުރު ނެރުން.
- ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން އެއްވެއުޅުމާއި ދިޔުން މަނާކުރުމުގެ އަމުރު ނެރުން.
- ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރު ކުރުން ހުއްޓުވުން ނުވަތަ ހާއްސަ ފިޔަވަޅުތަކެއް އެޅުން.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު، ކޮރޯނާވައިރަހަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިއުލާންކޮށްފައެވެ. ސަބަބަކީ ދުނިޔޭގެ ގިނަ ސަރަހައްދު ތަކަކަށް ކޮވިޑް 19 ފެތިރިގެން ގޮސްފައިވުމެވެ. ކޮރޯނާވައިރަސް ޖެހިގެން 118000 މީހުން މިހާތަނަށް ވަނީ ރިޕޯޓު ކޮށްފައެވެ. ކޮވިޑް 19 ގައި 4642 މީހަކު މަރުވެފައި ވާއިރު ދުނިޔޭގެ 114 ގައުމަކަށް މި ބަލި މިހާރު ވަނީ ފެތުރިފައެވެ.
ރާއްޖެއިންވެސް ކޮވިޑް-19 ފެނި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ. މިހާރު ރާއްޖޭގައި 8 މީހަކަށް ކޮވިޑް-19 ޖެހިފައި ވާއިރު ފަރުކޮޅުފުށީގައި 15 މީހުން ވިލިވަރުގައި 13 މީހުން އެބަ ތިއްބެވެ.