ޑަބްލިއުއެޗްއޯ އިން ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަކީ ދުނިޔެއަށް ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން އެކަމަށް ބިރު ނުގަތުމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ޑރ ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މި ވައިރަހުގައި މަރުވާ މީހުންނާއި ބަލިޖެހޭ މީހުން އިތުރު ގައުމުތަކުން ފެންނާނެ ކަމަށެވެ. އައިސީއޫ ސެޓަޕްތަކާއި މެޝިންތަކާއި މަސައްކަތް ކުރަން ތިބި މީހުންގެ އަދަދާއި ހުރިހާ ވަސީލަތްތަކެއް ހުސްވާނެތަން ވަރަށް ގާތްވެއްޖެ ކަމަށް ވިދާޅުވެ އެކަމަށް ބިރު ނުގަތުމަށް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ ޑަބްލިޔެއެޗްއޯއިންވެސް ބުނެފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު މި ބަލީގައި ހޮސްޕިޓަލުތަކުގައި ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މި ބަލިން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ. އަދި ބަލި ފެންނަމުންދާ ގައުމުތަށް އިތުރުވާނެ ކަމަށްވެސް ޑަބްލިޔެއެޗްއޯއިން ބުނެއެވެ.

ކޮވިޑް 19 އަކީ ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފައި ވަނީ ރޭގައެވެ. ސަބަބަކީ ދުނިޔޭގެ ގިނަ ސަރަހައްދުތަކަކަށް ކޮވިޑް 19 ފެތިރިގެން ގޮސްފައިވުމެވެ. ކޮރޯނާވައިރަސް ޖެހިގެން 118000 މީހުން މިހާތަނަށް ވަނީ ރިޕޯޓު ކޮށްފައެވެ. ކޮވިޑް 19 ގައި 4291 މީހަކު މަރުވެފައި ވާއިރު ދުނިޔޭގެ 114 ގައުމަކަށް މި ބަލި މިހާރު ވަނީ ފެތުރިފައެވެ.

ރާއްޖެއިންވެސް ކޮރޯނާވައިރަސް ފެނި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ. މިހާރު ރާއްޖޭގައި 8 މީހަކަށް ކޮރޯނާވައިރަސް ޖެހިފައި ވާއިރު ފަރުކޮޅުފުށީގައި 15 މީހުން ވިލިވަރުގައި 13 މީހުން އެބަ ތިއްބެވެ.