ކޮވިޑް-19 އާ ގުޅިގެން މިހާރު ޓެސްޓުކުރަން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 6 ސާމްޕަލްއެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާލުވެއްޖެއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިހާތަނަށް ޖުމްލަ 80 ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެތެރެއިން 71 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ. މީގެ ތެރެއިން 7 ސާމްޕަލް އަކީ އިންޑިއާގެ ޕޫނޭއަށް ފޮނުވައިގެން ޓެސްޓު ކުރެވުނު ސާމްޕަލްތައް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ ތެރޭގައި ސޭންޑީސް ބަތަލާގެ ރެސޯޓުގެ 2 މީހުންގެ ނަތީޖާ އަދި ނުލިބޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ 80 ސާމްޕަލް ޓެސްޓުކޮށްފައިވާ އިރު އޭގެ މާނައަކީ 80 މީހުން ޝާއްކު ކުރެވިގެން އެމީހުންގެ ގައިން ލޭ ނަގާފައި ވާ ކަމަށް ނޫޏް ކަމަށެވެ. އެކަކެއްގެ ގައިން އެއ ްފަހަަރށް ވުރެ އިތުރަށްވެސް ސާމްޕަލް ނަގައިގެން ޓެސްޓް ރިޕީޓް ކުރަން ޖެހިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން އަދަދު 8 އަށް އަރާފައި ވާއިރު، މި ބަލި މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ ރާއްޖޭގެ ތިން ރިސޯޓަކުންނެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓް، ސޭންޑީސް ބަތަލާ ރިސޯޓް އަދި ކުރަމަތި އައިލެންޑް ރިސޯޓެވެ.

އެންމެ ފުރަތަމަ ޕޮޒިޓިވްވި ދެ ކޭސް ކަށަވަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރެއްދޫންނެވެ. އަދި އާދިއްތަ ދުވަހުގެ ރޭ ބަތަލާ ރިސޯޓުން ދެ ކޭސް ކަށަވަރު ވެފައި ވާއިރު، ކުރެއްދޫން އިތުރު ދެ ކޭސް ކަށަވަރުވީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. އަދި ކުރަމަތި ރިސޯޓުން ދެ މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަން ކަށަވަރު ކުރެވިފައި ވަނީ ދާދި ދެންމެއެވެ.

މިހާތަނަށް ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ހަމައެކަނި ބިދޭސީން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތުދެއެވެ. ނަމަވެސް، މި ބައްޔަށް ޝައްކު ކުރެވިގެން ވަނީ ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް ޖުމްލަ 26 މީހަކު ކަރަންޓީނު އަދި އައިސޮލޭޓް ކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ ރިސޯޓް ކަމަށް އެޗްޕީއޭން މައުލޫމާތުދެއެވެ. އަދި މިހާރު އިތުރު ދެ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުރަމަތި ރިސޯޓް ވެސް މިވަނީ އޮރެންޖް ސްޓޭޓަސްއަށް ބަދަލުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.