ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އިން ކުޑަކުދިންނާއި ކިޔަވާ ދަރިވަރުން ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަމަލު ކުރަންޖެހޭ ގައިޑްލައިން އާންމުކޮށްފިއެވެ.

މި ގައިޑްލައިންނަކީ ބައިނަލްއަގުވާމީ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ޖަމިއްޔާ (އައި.އެފް.އާރް.ސީ)، އދގެ ކުޑަކުދިންގެ ޖަމިއްޔާ (ޔުނިސެފް) އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގުޅިގެން އެކުލަވާލާ، އާންމުކުރި ގައިޑްލައިންއެކެވެ.

މި ގައިޑްލައިންއަކީ ބިނާކުރަނިވި އަދި ފާޑުވެރި ނަޒަރަކުން އަދުގެ ހާލަތަށް ރިއާޔަތްކޮށް، ސްކޫލް މާހައުލްއަކީ ރައްކާތެރި ތަނަކަށް ހެދުމަށް ބާރުދޭ ގޮތަށް ފަރުމާކޮށްފައިވާ ގައިޑްލައިންއެކެވެ. މީގެ އިތުރުން ކުށްލި ހާލަތްތަކުގައި ސްކޫލްތަކުގެ އިތުރުން ތައުލީމު ފޯރުކޮށްދޭ އިލްމީ މުއައްސަސާތައް އޮޕަރޭޓްކުރުމަށް ގައުމީ އަދި ސަރަހައްދީ ފެންވަރުގައި ހަރަކާތްތެރިވާ ކަމާބެހޭ ފަރާތްތަކުން އަމަލު ކުރުން ލާޒިމު ކަންތައްތަކެއްވެސް މި ގައިޑްލައިންގައި ވަނީ ފާހަގަކޮށްފައެވެ.

އިސްކަންދަރު ސްކޫލްގައި މިދިޔަ އަހަރު ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑީއާ

ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ނުރައްކަލުގެ ހާލަތު ގޯސްވެ، ކިޔެވުން މެދުކަނޑާލަން ޖެހިއްޖެ ހިނދެއްގައިވެސް ދަރިވަރުންގެ ދުޅަހެޔޮކަމާ އެކުދިންގެ އިލްމީ ގާބިލިއްޔަތުކަމަށް އުނިކަން ނުލިބޭ ފަދަ ގޮތަކަށް ކަންކަން ބައްޓަންކޮށް، އަހުލުވެރިވުމަށް މި ގައިޑްލައިން ގޮވާލައެވެ. އެގޮތުން ފޭސް-ޓު-ފޭސް އުސޫލުން ކިޔެވުން މެދުކަނޑާލަން ޖެހިއްޖެ ހިނދެއްގައިވެސް ދަރިވަރުންނަށް ތައުލީމު ހާސިލުކުރުން ކުރިއަށް ގެންދެވޭނެ އުސޫލެއް ހަމަޖެއްސުމާ، އެކަހެރިކޮށް ކިޔެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ، އޮންލައިން ޕްލެޓްފޯމް އަދި ރޭޑިއޯ މީޑިއާ ބޭނުންކޮށްގެން އިލްމު ފޯރުކޮށްދިނުން ފަދަ އިސްތިރާޖުތައް ރޭވުމަށް ގައުމުތަކަށް ގޮވާލައެވެ. އަދި މިފަދަ ހިދުމަތްތައް ފަސޭހައިން ދަރިވަރުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްވެސް ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކަށްމި ގައިޑްލައިން އިރުޝާދުދެއެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، ސްކޫލްތަކުގެ ކިޔެވުން ބަންދުކުރުމަށްފަހު ރައްކާތެރިކަން ކަށަވަރުކޮށް އެ ސްކޫލްތައް އަލުން ހުޅުވާނެ އުސޫލުތައް އެކުލަވާލުމަށްފަހު މި ގައިޑްލައިންއިން ގައުމުތަކަށް ލާޒިމުކުރެއެވެ.

ޢިމާދުއްދީން ސްކޫލް ޖުވެލް ސެންޓަރުގެ ދަރިވަރުން އެޑިއުކޭޝަން މިނިސްޓާ ޑރ ޢާއިޝަތު ޢަލީގެ ދިގުހެދުމުގެ ފަރުމާ ތައްޔާރުކުރަނީ/ފޮޓޯ: ރަހުމާ އީސާ

ސްކޫލް ބަންދު ނުކުރި ކަމުގައި ވީ ނަމަވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަންތައްތަކެއް ހުރިކަން މި ގައިޑްލައިންގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދަރިވަރުންނާ އެ ދަރިވަރުންގެ އާއިލާތަކުގެ ހިމާޔަތާ ރައްކާތެރިކަމަށް މި ގައިޑްލައިން ގޮވާލައެވެ. ކިޔެވުން މެދުކަނޑާނުލާ ކުރިއަށް ގެންދާ ފަރާތްތަކުން ކުރުން ލާޒިމުކޮށްފައިވާ ކަންކަމުގެ ތެރޭގައި:

  • އަމިއްލަ ނަފުސު ރައްކާތެރި ކުރާނެ ގޮތްތައް ދަރިވަރުންނަށް ފަހުމްވާނެހެން ބުނެދިނުން
  • ރަނގަޅަށް ސާފުވާނެހެން އަތް ދޮންނާނެ ގޮތް ދަސްކޮށްދީ، އެކަމަށް ހިތްވަރުދީ، އެ ފުރުސަތު ވަސީލަތުގެ ގޮތުންވެސް ފޯރުކޮށްދީ، އެ އިންތިޒާމު ހަމަޖައްސައިދިނުން
  • ސްކޫލް އިމާރާތްތަކާ ގެންގުޅޭ ސާމާނު ގަވައިދުން ސާފުކޮށް، ޑިސްއިންފެކްޓްކޮށް، ސްޓެރެލައިޒްކުރުން
  • ކައިބޮއި ހަދަން ހަމަޖެހިފައިވާ ސަރަހައްދުތަކާ، ފާޚާނާ ކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް އަބަދުވެސް ސާފު ތާހިރުކޮށް ބޭއްވުން
  • ހުރިހާ ތަނެއްގައިވެސް ރަނގަޅަށް ވައި ދައުރުވާނެހެން ވެންޓިލޭޓްކޮށްފައި ބެހެއްޓުން ހިމެނެއެވެ.

މިގައިޑްލައިން ހާއްސަކޮށްފައިވަނީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ކޮވިޑް-19 ފެތުރެމުންދާ ގައުމުތަކަށް ކަމަށް ވީ ނަމަވެސް މިއީ ކޮންމެ ގައުމަކުންވެސް ސަމާލުކަން ދިނުން މުހިންމު ގައިޑްލައިންއެއް ކަމަށް ޔުނިސެފުން ބުނެއެވެ.

ކުޑަކުދިންނާ ފިރިހެނުންނަށް ހާއްސަކޮށްގެންވެސް ޒުމްބާ ކުލާސްތައް ހިންގާ/ފޮޓޯ: ޔޫޓިއުބް

ސްކޫލް މާހައުލްއަކީ ހުރިހާ ގޮތަކުންވެސް ރައްކާތެރި ވެއްޓެއް ކަމުގައި ކަށަވަރު ކުރުމަށްޓަކައި ކޮންމެ ގައުމަކުންވެސް ޒިންމާ އަދާކުރުން މުހިންމެވެ. މިފަދަ ރީތި މިސާލުތައް 2014-2016 ވަނަ އަހަރު އެބޯލާ ރޯގާ ފެތުރިގެން ދިޔަ ދުވަސްވަރު ގިނީ، ލައިބީރިއާ އަދި ސިއެރަ ލިއޯން ފަދަ ގައުމުތަކުން ތަންފީޒު ކުރި ސިޔާސަތުތަކުން ފެންނަން ހުރިކަންވެސް ޔުނިސެފުން ފާހަގަކުރެއެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވީ ކަމުގައި ވީ ނަމަވެސް ސްކޫލު އަދި އެނޫންވެސް އިލްމީ މުއައްސަސާ އެއް ބަންދު ކުރުމަށް ނިންމާފައެއް ނުވެއެވެ. ނަމަވެސް ވެރިރަށް މާލޭ ސިޓީއިން ކޮވިޑް-19އަށް ޕޮޒިޓިވް ކޭހެއް ފެނިއްޖެނަމަ އެފަދަ ފިޔަވަޅެއް އަޅާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.