ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހަކު މިލަންދޫއަށް ގޮސް އުޅުނު ކަމުގެ މައުލޫމަތު ލިބުމާ ގުޅިގެން، އެރަށަށް އަރައި ފައިބާ މީހުން ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.

މިލަންދޫ ސިއްހީ މަރުކަޒުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކޮވިޑް19ގެ އަސަރު ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު މިލަންދުއަށް ގޮސް އުޅުނުކަމަށް މައުލޫމާތު ލިބިފައިވުމުން، އެރަށު ސިއްހީ މަރުކަޒާއި މިލަންދޫގެ އެހެނިހެން މުއައްސަސާތަކާއި، އެކުލަވާލާފައިވާ ޓާސްކް ފޯހުން އެރަށަށް އަރައި ފައިބާ މީހުން ދެނެގަތުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިލަންދޫ ބަނދަރުން ލަފާ އަދި ފުރާ ހުރިހާ ފަރާތްތައް ދެނެގަނެ އެފަރާތް ވޭތުވެދިޔަ 14 ދުވަސްތެރޭ ގޮސްފައިވާ ގައުމުތަކާއި، އަރާފައިބާފައިވާ ރަށްތައް ދެނެގަނެވޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މިލަންދޫއަށް ރަށުންބޭރުން އަރާ އެންމެހާ ފަރާތްތައް ހަތް ދުވަސް ވަންދެން ގޭގައި މަޑުކުރުމަށްވަނީ އެރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފައެވެ. އަދި މިދުވަސްވަރު ކޮންމެހެން ރަށުން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ ރަށުންބޭރަށް ފުރައިގެން ނުދިއުމަށްވެސް އެރަށުގެ ރައްޔިތުންނަށްވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ވަނީ އެރަށު ސިއްހީ މަރުކަޒުގައި އެޑްމިޓްކުރެވިފައިވާ ބަލިމީހުން ކައިރިޔަށް ޒިޔާރަތްކުރުން ވެސް މަނާ ކުރެވިފައިވާ ކަމަށެވެ. އަދި މިލަންދޫގައި ހިންގާ ޓިއުޝަން ކްލާސްތަކާއި، ގުރުއާން ކްލާސްތައް ވަގުތީގޮތުން މެދުކަނޑާލުމަށްވެސް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19އަށް ހަތަރު މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން ކުރެއްދޫ އައިލެންޑް ރިސޯޓުން ދެ ބިދޭސީއަކު ޕޮޒިޓިވް ވެފައިވާއިރު، އަނެއް ދެ ބިދޭސީން ޕޮޒިޓިވް ވެފައިވަނީ ސޭންޓީޒް ބަތަލާ ރިސޯޓުންނެވެ. އެހެންކަމުން އެދަރަށަށް މިވަގުތުވަނީ އަރާ ފޭބުން މަނާ ކޮށްފައެވެ.