މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ފެންނަ މީހުންނާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ޖަމާއަތަށް ނޭރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ކޮވިޑް19 ފަދަ ނުރައްކާތެރި ވައިރަހެއްގެ އަލާމާތްތައް ފެްނނަ ފަރާތްތަކުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމާ މެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ.
އެގޮތުން ފިޔާ ލޮނުމެދު ފަދަ ވަސްގަދަ އެއްޗެހި ކައިގެން މިސްކިތުގެ ޖަމާއަތަށް ދިއުން ދީނުގައި މަނާކޮށްފައި ވާއިރު، ކޮވިޑް19 ފަދަ ނުރައްކާތެރި ވައިރަހެއްގެ އަލާމާތެއް ފެންނަ ފަރާތްތަކުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. މީގެ އިތުރުން މިސްކިތުގެ ޖަމާއަތަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހާޒިރުނުވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިވަގުތު މާޔުސްނުވެ، ސަބަބުތަކުގައި ހިފައި ފުރިހަމައަށް ﷲ އަށް ވަކީލުކޮށް ދުއާކުރުމަށް ނަސޭހަތްތެރިވެފައެވެ.
ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް19 އަށް ރާއޛޭގައި ދެމީހަކު ވަނީ ޕޮޒިޓީވްވެފައެވެ. ޕޮޒިޓިވް ވި ދެމީހުންނަކީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރަމުންދާ ދެ މުވައްޒަފުންނެވެ. އެ ދެފަރާތް މި ވައިރަސްއަށް ޕޮޒިޓީވްވެފައިވަނީ އެ ރިސޯތަށް ޗުއްތީ ހޭދަކުރަން އައި އިތަލީ ފަތުވެރިއެއް މި ވައިރަސްއަށް ޕޮސިޓީވް ވުމާ ގުޅިގެންނެވެ. އެހެންކަމުން މި ވަގުތު ކުރެއްދޫގެ ސްޓޭޓަސް ވަނީ ލެވެލް އޮރެންޖަށް މަތިކޮށް އެރިސޯޓަށް އަރާ ފޭބުން މެދުކަނޑާލާފައެވެ.
ހަމައެއާއެކު މިހާރު އެ ރަށުގެ އިތުރު މުވައްޒަފެއް ވަނީ މި ވައިރަސްއަށް ޝައްކުކުރެވޭތީ ފަރުކޮޅު ފުއްޓަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ. ވައިރަސްއަށް ޝައްކު ކުރެވުނު އިރު އޭނާ ހުރީ ށ. ފޯކައިދޫގައެވެ. މިހާރު ކަމާ ބެހޭ ފަރާތްތަކުން ދަނީ ކޮވިޑް19ގެ ޕޮޒިޓިވް ކޭސް އައުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރަމުންނެވެ.
ތީތޯ