ޒަމާނުއްސުރެ އަންހެނުންނާ މެދު ގެންގުޅެމުން އައި ނޭދެވޭ ބޮޑެތި ތަފާތުކުރުންތަކެއް އުވާލެވިފައި ވީ ނަމަވެސް، މި ދަނޑިވަޅަކީ ދެޖިންސުގެ ފަރަގަށް ބަލާއިރު އަންހެނުންނާ މެދު ގެންގުޅޭ ތަފާތު ކުރުންތައް ކުޑަކުރުމަށް ކުރާ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، އަންހެނުންނަށް ކުރާ ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ދެކޮޅަށް ގާނޫނުން ހިމާޔަތް ލިއްބައިދިނުން ބައެއް ގައުމުތަކުގައި އޮތީ ފޮހެވިގެން ގޮސްފައިކަމަށާ، ޖިންސީ ގޮތުންނާއި ދަރިމައިވުމުގެ ގޮތުން އަންހެނުންނަށް ލިބިދީފައިވާ ހައްގުތަކަށްވެސް މިއަދު ނުރައްކާ ކުރިމަތިވެފައިވާކަމަށެވެ.
ގުޓެރޭޒް ވިދާޅުވީ މިހުރިހާ ކަމެއްވެސް މެދުވެރިވަނީ ދެޖިންސުގެ ހަމަހަމަކަން ގޮސް ގުޅެނީ، ބާރުވެރިކަމުގެ ސުވާލަކާ ވުމުން ކަމަށެވެ. ޒަމާނުއްސުރެ ދިގުލާ ގޮސްފައިވާ މި ނޭދެވޭ ތަފާތު ކުރުންތަކުގެ ސަބަބުން، އަދުގެ ދުނިޔޭގެ އިގުތިސޯދުތަކާ، ސިޔާސީ ނިޒާމުތަކާ، ކުންފުނިތަކާ، އާދަކާދަތަކުގައިވެސް ދެޖިންސުގެ ފަރަގު ބޮޑުވެފައިކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.
ބަރާއި ނުފޫޒުގެ ރޮނގުން ބަލާއިރު ދެޖިންސުގެ މެދުގައި ނޭދެވޭ ފަރަގެއް އޮތްކަން އަންގައިދޭ އެއް ކަމަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ގާނޫނު ހަދާ މަޖިލީސްތަކުގައި އަންހެން މެމްބަރުން ތަމްސީލުކުރައްވާ މިންވަރު މަދުވުން ކަންވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ. އދގެ ރެކޯޑްތައް ދައްކާ ގޮތުން، މުޅި ދުނިޔޭގެ ނިސްބަތުންވެސް ގާނޫނު ހަދާ މަޖިލީސްތަކުގައި އަންހެން މެމްބަރުންގެ ހިއްސާއަކީ އެންމެ 24 ޕަސެންޓްއެވެ.
ގުޓެރޭޒް ވިދާޅުވީ މިއީ އަންހެނުން ބަދަލުކުރަން އުޅެންވީ ވަގުތު ނޫންކަމަށާ، މިއީ ދެޖިންސުގެ މެދުގައި އޮތް ފަރަގު ކުޑަކޮށް، ބާރުތައް ބެހުމުގައި އޮތް ނާސިއިންސާފު ނައްތާލުމަށް ނިޒާމުތައް އިސްލާހު ކުރަންވީ ވަގުތު ކަމަށެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އަންހެނުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އައި އޭ ޖެނެރޭޝަން އީކުއަލިޓީ: ރިއަލައިޒިންގް ވިމެންސް ރައިޓްސް" މި ޝިއާރެވެ.