މެދުއިރުމަތީގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ އީރާނުގެ ގާނޫނު ހަދާ މަޖިލީހުން މި ރޯގާއަށް ޕޮޒިޓިވްވި މެމްބަރަކު ނިޔާވެފައި ވާކަން އީރާނުގައި ރަސްމީ ހައިސިއްޔަތު ދީފައިވާ ތަސްނީމް ނިއުސް އޭޖެންސީއިން ރިޕޯޓްކޮށްފިއެވެ.
ނިޔާވެފައި ވަނީ ގާނޫނު ހަދާ މަޖިލީހުގައި ތެހްރާން ތަމްސީލުކުރައްވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފާތިމާ ރަހްބާކަމަށް ޚަބަރު ލިބެއެވެ. އޭނާ ނިޔާވީ މިދިޔަ ހުކުރު ދުވަހު ކަމަށް އީރާނުން މިހާރު ވަނީ ހާމަކޮށްފައެވެ.
މިއާއެކު އީރާނުގެ ދައުލަތުގެ މުއައްސަސާތަކާ ބާރުތަކުގެ މެމްބަރުންގެ މެދުގައިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ނައިބު އިރާޖު ހަރީރްޗީއާއި ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިތުރު މެމްބަރެއް ކަމަށްވާ މަހްމޫދު ސޯދިގީ ވެސް ކޮވިޑް-19އަށް ވަނީ ޕޮޒިޓިވް ވެފައެވެ. ކަންމިހެން އޮތްއިރު، އީރާނުގެ ނުފޫޒުގަދަ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚަމަނާއީއަށް ލަފާ އަރުވާ މުޝީރުގެ އިތުރުން ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފަށް ލަވާ އަރުވާ މުޝީރުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެ، އަވަހާރަވެފައި ވާކަމަށް ވަނީ ޚަބަރު ލިބިފައެވެ.
އީރާނުގެ އެކި ކަންކޮޅުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ރަސްމީ އަދަދުތައް މިހާރު ވަނީ 6000 އަށް ވުރެ މައްޗަށް އަރާފައެވެ. މި ރޯގާއި 145 މީހަކު މަރުވި ކަމަށް އީރާނުގެ ރަސްމީ ރެކޯޑްތަކުން ދައްކާއިރު، ހަގީގީ އަދަދުތައް މިއަށްވުރެ އިތުރުވުން އެކަށީގެންވާކަމަށް މުރާސިލުން ދަނީ ބުނަމުންނެވެ.