ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް 2 މީހަކު ޕޮސިޓިވް ވެއްޖެ ކަމަށް ކޮރޯނާގެ ޓާސްކްފޯސްއިން މިރޭ ބުނެފިއެވެ.

ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ޕޮސިޓިވްވި މިއީ ފުރަތަމަ ފަހަރެވެ. ޕޮޒިޓިވް ވެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބޭރުގެ ދެ މުވައްޒަފުންނެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކުރެއްދޫ އަށް ޒިޔާރަތްކުރި ފަތުވެރިއަކު އިޓަލީއަށް ދިއުމަށްފަހު ކޮރޯނާއަށް ޕޮޒިޓިވް ވުމާ ހިސާބުން ފެށިގެން އެރަށުން އެކި ފަރާތްތައް ޓެސްޓު ކުރެވިފައި ކަމަށާއި އެ ފަރާތްތަކުގެ ޓެސްޓުގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އެގޮތުން ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތިބި ދެ ފަރާތެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިއަދު ފެނިގެން ދިޔައީ ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވި ދެ ކޭސް ކަމަށެވެ. އެގޮތުން ޕޮޒިޓިވް ވެފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބޭރު 2 މުވައްޒަފުން ކަމަށާއި އެއީ މެނޭޖްމަންޓް ލެވެލްގައި މަސައްކަތް ކުރާ ދެމީހުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެމީހުން މިހާރު ވަނީ ފަރުކޮޅުފުށީގައި ކަމަށާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ޓާސްކްފޯސްއިން ތައްޔާރުކޮށްފައިވާ އެސްއޯޕީސްތައް މިހާރުން ފެށިގެން އެކްޓިވް ވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގައި މީގެ ދެ ކޭސް މިފެނުނީ. މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އިއްޔެއިން ފެށީގެން ކުރަމުން މިދަނީ. އިއްޔެ ސަސްޕެކްޓެޑް ކޭސް ފެނުމާ އެކީގައި އެ ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލެވިފައި"
އަބްދުﷲ އަމީން

އިއްޔެ އެ ރަށުން ސަސްޕެކްޓެޑް ކޭސްތަކެއް އައުމުން އެރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށާއި މިހާރު އެރަށް އޮތީ އޮރެންޖް ސްޓޭޓަސްއެއްގައި ކަމަށް އަމީން ވިދާޅުވިއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ އެއްވެސް ކޭސް އެއް ނުފެންނަ ކަމަށް ވާ ނަމަ އެއީ "ވައިޓް" ސްޓޭޓަސް އެކެވެ. ރާއްޖެއިން ބޭރުން އަންނަ މީހެއްގެ ފަރާތުން ވައިރަސް ފެނިއްޖެ ނަމަ އެ ވަނީ "ޔެލޯ" ސްޓޭޓަސް އަކަށެވެ. ރާއްޖެއިން ބޭރުން އަންނަ މީހެއްގެ ފަރާތުން ލޯކަލްކޮށް ރާއްޖޭގެ ރަށެއްގެ ތެރޭގައި މި ބަލި ފެތުރެމުންދާ ނަމަ "އޮރެންޖް" ސްޓޭޓަސް އެއް ކަމަށް ބެލެވެއެވެ. އޮރެންޖް ސްޓޭޓަސްއަށް ގޮސްފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓް ކަަމަށާއި އޮރެންޖް ސްޓޭޓަސްގައި އަޅާ ފިޔަވަޅަކީ އެރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މެދުކަނޑާލުން ކަމަށް ޓާސްކް ފޯސް އިން މައުލޫމާތު ދެއެވެ.

އަލީ ވަހީދު ވިދާޅުވީ މިރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއެކު ބައްދަލުވުމެއް ބާއްވަވާނެ ކަމަށާއި އެއަށްފަހު ފުލުހުންނާއި އެމްއެންޑީއެފް އަދި އެސްޓީއޯއާ އެކު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ހެލްތުން ބުނެފައި ވަނީ މިހާތަނަށް ފަރުކޮޅުފުށީގައި ކަރަންޓީނު ކޮށްފައި ވަނީ، 6 މީހުން ކަމަށެވެ. އެއީ ދިވެހި އަންހެނަކާއި ކުޑަކުއްޖެއްގެ އިތުރުން އިޓަލީގެ ތިން މީހަކާއި ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރެކެވެ.