ލައިސަންސް ޕްރޮގްރާމް ހިންގަނީ ރައީސް ޔާމީނުގެ ކެމްޕޭނާއި ގުޅުވާފައި!

ހަބަރު ޙުސައިން މަޚްތޫމް
 
އެއްލަކިން ލައިސަންސް ޕްރގްރާމުގައި ބައިވެރިވާން ޒުވާނުންތަކެއް ހުރަވީ ބިލްޑިންގް ގައި ކިއޫ ހަދާފައި / ފޮޓޯ ދަޕްރެސް

ލައިސަންސް ނަގަން ތިބި ޒުވާނުންނަށް އެތަކެއް ފަސޭހަ ތަކާއެކު ފެށި "އެއްލަކިން މަށަށްވެސް ލައިސަންސް" ޕްރޮގްރާމަށް ޒުވާނުންގެ ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން ނެވެ. ފުރަތަމަ ރޭ އެކަނިވެސް ހާހުން ދެހާހުން ކިޔުގައި ތިއްބެވެ. ފުރަތަމަ ރޭ ކިޔު އޮތްގޮތަށް އޮށްވާ 1027 ނަންބަރު ދޫކޮށްފައި ނަންބަރު ދޫކުރުން ހުއްޓާލިއެވެ. އަދި އެރޭ އެފުރުސަތު ނުލިބޭ ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން އިތުރު ދުވަހެއް މި ޕްރޮގްރާމަށް އިތުރުކުރި އެވެ.

މިއީ ޒުވާޏުންނަށް ފަހި ފުރުސަތެކެވެ. އެހެންނަމަވެސް ސަރުކާރުން ފޯރުކޮށްދޭ މިފަދަ ހިދުމްތައްތައް ދޭތަން މިހާރު ފެނިގެން ދަނީ ރައީސް ޔާމީންގެ ކެމްޕޭނާވެސް ގުޅުވާލާފަ އެވެ. އަދި ރައީސް ޔާމީންގެ ކެމްޕޭން ސްލޯގަނެއްގެ ގޮތުގައި ބޭނުންކުރާ "ރައީސް ޔާމީން 2018" މީގެ ތެރެއަށް ވަދެގެން ދެ އެވެ. އަދި މިއާއެކު މީގެ ކުރިން ލައިސަންސް ފޯމުގައި ދޭން ނުޖެހޭ ބައެއް ޒާތީ މައުލޫމާތުވެސް ހޯދަން ފޯމުގައި ހިމަނާފައި ވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އިކޮނަމިކް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން ނެވެ. އިކޮނަމިކް މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުގައި މިކަމަށް ވަރަށް ބޮޑު ތަރުހީބެއް އޮތް ކަމަށް ބުނެ އާންމު ކޮށްފައި ވާ ފޮޓޯތަކުގައި ފުރަތަމަ ފެނިގެން ދަނީ ރައީސް ޔާމީން ގެ ފޮޓޯފުޅަކާ އެކު، އެމަނިކުފާނުގެ ފޮޓޯފުޅެއް ޖެހި ލައިސަންސް ކާޑެ ކެވެ. އަދި ހޭޝްޓެގް ޒުވާނުންގެ ރައީސް އަދި ރައީސް ޔާމީން 2018 ޖަހާފައި އޮވެ އެވެ. ސަރުކާރު އިދާރާއަކުން އާންމުންނަށް ދޭން ޖެހޭ ހިދުމަތްތަކުގައި ވެސް ރައީސް ޔާމީނަށް ކެމްޕޭން ކުރާ ތަން ފެނިގެން އެބަދެ އެވެ.

ލައިސަންސް ޕްރޮގްރާމް ފެށި ހިސާބުން، މިފަދަ މައްސަލަތައް ފެންމަތިވެ އާންމުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ނެވެ. މި ފާޑު ކިޔުންތަކާ އެކު ވެސް އެތައް ހާސް ބަޔަކު ލައިސަންސް އަށް އެދިގެން ގޮސް ތިބެއެވެ. ލައިސަންސް ނަގަން ދިޔަ ޒުވާނަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ޓެސްޓެ ހަދަން ދުއްވާ އިރު ސުޕަވައިޒަރުންނަށް ތިބޭ މީހުންގެ ފަޔަށް ސައިކަލު އެރިޔަސް ބުރަކަށިމަތީގައި ޖަހާލާފައި ބުނަނީ 'ތިޔަ ހުރީ ފާސްވެފައި' ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ދެން އޮންނާނީ ޓްރެފިކް ޤަވާއިދާ ޚިލާފު ވެގެން ޖޫރިމަނާ ފައިސާ ދައްކަން ޖެހިފައިވާ ޒުވާނުންނަށް ބާއްވާ ހާއްސަ ބުރެއް ކަމަށް އިކޮނަމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ. އިކޮނަމިކް މިނިސްޓްރީން ބުނީ ޖޫރިމަނާ ހުރި ފަރާތް ތަކަށް ޖޫރިމަނާ ދެއްކޭނެ ހާއްސަ އިންތިޒާމް ތަކެއް ޕްރޮގްރާމުގެ ތެރެއިން ހަމަޖައްސާފައި ވާ ކަމަށެވެ.

އެގޮތުން އެއް އަހަރު ދުވަހަށް ބަހާލައިގެން އިންސްޓޯލްމަންޓް އުސޫލުން ޖޫރިމަނާ އަށް އަރާފައިވާ ފައިސާ، ދެއްކޭނޭ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ. އަދި އެކަމަށްޓަކާ ހާއްސަ އެއްބަސްވުމެއް އެކުލަވާލާފައި ވާނެ ކަމަށާއި، އެ އެއްބަސްވުމުގައި ސޮއިކޮށް ޖޫރިމަނާ ވަކި މުއްދަތަކަށް ބަހަލައިގެން ދެއްކޭނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ސައިކަލް ލައިސަންސްގެ އިތުރުން ކާރާއި، ޕިކަޕް ލައިސަންސްވެސް ލިބޭނެ އެވެ. އަދި ކޮންމެ ރެއަކުވެސް ތިއަރީއާއި ޕްރެކްޓިކަލް އިން ފާސްވާ ފަރާތްތަކަށް ކޮންމެ ރެއަކު ބާއްވާ ރަސްމިއްޔާތެއް ގައި ލައިސަންސް ހަވާލު ކުރާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލް