އަވަށްޓެރި އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްކަން ކަށަވަރުވި މީހުންގެ އަދަދު 30 އަށް އަރާ، ފުރަތަމަ ޓެސްޓުން ޕޮޒިޓިވް ކަމަށް ދެއްކި މީހުންގެ އަދަދު 23 އަށް އަރާފައިވާކަމަށް އެގައުމުން ހާމަކޮށްފިއެވެ.

އިންޑިއާއިން އެންމެ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އީރާނަށް ދަތުރުކުރި މީހެއް ކަމަށްވާއިރު، އެމީހާގެ އާއިލާވެސް މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކޮށްފައި ކަމަށް ޚަބަރު ލިބެއެވެ. އަދި އެމީހާއާއި ވަޒީފާގެ ގޮތުން ގުޅުން އޮތް ބަޔަކު ގޭގައި ކަރަންޓީނުވެގެން ތިބުމަށް އިރުޝާދު ދީފައިވާނެ ކަމަށްވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ އިސް މަސްދަރަކާ ހަވާލާދީ އެގައުމުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި ކޮވިޑް-19އަށް ޕޮޒިޓިވްވިކަން ކަށަވަރުވާ ކޭސްތަކުގެ އަދަދު މައްޗަށް ދިއުން އެކަށީގެންވެއެވެ. މިވަގުތު 23 މީހެއްގެ ފުރަތަމަ ޓެސްޓުން ކޮވިޑް-19އަށް ޕޮޒިޓިވް ކަމަށް ދައްކާފައިވާއިރު، ދެން ހަދާ ޓެސްޓުތަކުގައިވެސް އެނަތީޖާ ނިކުތުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން ތިބިކަން އެގައުމުން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ކަންމިހެން އޮތްއިރު، އިންޑިއާގައި ޗުއްޓީ ހޭދަކުރުމަށްފަހު ބޫޓާންއަށް ދަތުރުކުރި އެމެރިކާގެ ފަތުރުވެރިއަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން ބޫޓާންގެ ބޮޑުވަޒީރު އޮފީހުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.