އީރާނާއި އިރާގާ ދެމެދު ދިގުލާ ގޮސްފައި އޮތް ހަނގުރާމައަށް ސުލްހަވެރި ނިމުމެއް 1988 ވަނަ އަހަރު ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި އދގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ހަވިއޭ ޕެރޭޒް ދެ ކުއެއްޔާ އަވަހާރަވެއްޖެއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު ވިދިވިދިގެން 2 ދައުރު ފުރިހަމަ ކުރެއްވުމަށްފަހު ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް ވަޒީފާއިން މުސްކުޅިވެވަޑައިގަތުމަށްފަހު ޕޭރޫގައި ޑިމޮކްރަސީ އަލުން ގާއިމުކޮށް ހަރުދަނާ ކުރެއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވަނިކޮށް ދެ ކުއެއްޔާ އަވަހާރަވެފައިވަނީ އުމުރުފުޅުން 100 އަހަރުގައެވެ.

ދެ ކުއެއްޔާ އަވަހާރަވިކަން ކަށަވަރުކޮށްދީފައިވަނީ ޕޭރޫގެ ހާރިޖިއްޔާއިންނެވެ. އާއިލާއާއި ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި ދެ ކުއެއްޔާ އަވަހާރަވީ ގުދުރަތީ މަރަކުންނެވެ.

ދެ ކުއެއްޔާ އަވަހާރަވެފައިވާ މި ދަނޑިވަޅަކީ އެމެރިކާއާއި އީރާނުގެ ޒަމާންވީ ހަތުރުވެރި ކޯޅުމުގެ މައިދާނަކަށް އިރާގުވެ، އީރާނާ އިރާގާ ދެމެދު އަނެއްކާވެސް ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްވެސްމެއެވެ.

ދެ ކުއެއްޔާގެ ޖަނާޒާ އޮންނާނީ މާދަމާގެ ވަގުތެއްގައި، ޕެރޫގެ ހާރިޖީ ވުޒާރާގައެވެ.