ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ހަނގުރާމަ ކުރަމުންދާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މަލީ އިދާރާ (އައި.އެމް.އެފް)އިން 50 ބިލިއަން ޑޮލަރުގެ ފަންޑެއް އެކުލަވާލައިފިއެވެ.
ކޮވިޑް-19އާ ހަނގުރާމަ ކުރަމުންދާ ގައުމުތަކަށް ހާއްސަކޮށްގެން އައިއެމްއެފްއިން ހާއްސަ ފަންޑެއް ހުޅުވާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 80 އަށްވުރެ ގިނަ ގައުމާ ސަރަހައްދުތަކުން މި ވައިރަހުގެ އަސަރު ވަނީ ފެނިފައެވެ.
ކަންމިހެން އޮތްއިރު، އައިއެމްއެފްގެ ފަންޑުން އެހީތެރިކަން ފޯރުކޮށްދެމުންދާނީ ފަގީރު އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ތެރެއިން، ކޮވިޑް-19އާ ކުރިމަތިލެވޭ ވަރަށްވުރެ ސިއްހީ ނިޒާމު ބަލިކަށިވެފައިވާ ގައުމުތަކަށް ކަމަށްވެސް އެ ޖަމިއްޔާއިންވަނީ ހާމަކޮށްފައެވެ.
އައިއެމްއެފްގެ މެނޭޖިންގް ޑައިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވަނީ، ދުނިޔޭގެ އިގުތިސޯދީ ކުރިމަގަށް އަންނާނީ ކިހާ ވަރެއްގެ ލޮޅުމެއްކަން އަންދާޒާކުރަންވެސް އަދި ނޭނގޭ ކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް އައިއެމްއެފްއިންވަނީ، ދުނިޔޭގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި، ނިމިދިޔަ 2019ވަނަ އަހަރަށްވުރެ މަޑުޖެހޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ކަންމިހެން އޮތް ނަމަވެސް، ސިއްހީ ބަލިމަޑުކަން ބޮޑުވެ، އިގުތީސޯދީ ހީނަރުކަމުގެ އަނދަވަޅަކަށް ދުނިޔެ ވެއްޓިދާނެ ކަމާ މެދު އެއްޗެއް ވިދާޅުވުމަށް އައިއެމްއެފްގެ އެމްޑީވަނީ އިންކާރު ކުރައްވާފައެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް 12 ބިލިއަން ޑޮލަރުގެ އެމާޖެންސީ ފަންޑެއް ވޯލްޑް ބޭންކުންވެސް ވަނީ އެކުލަވާލާފައެވެ. ވާލްޑް ބޭންކް ގުރޫޕުގެ ރައީސް ޑޭވިޑް މެޕްލާސް ވިދާޅުވީ އެ ގުރޫޕުގެވެސް އަމާޒަކީ ކޮވިޑް-19 ފެތުރިގެންދާ މިންވަރު ވީހާވެސް ކުޑަކުރުން ކަމަށެވެ. މި އެހީ ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އެންމެ ފަގީރު އަދި އެންމެ ނުރައްކާ ބޮޑުވެފައިވާ ގައުމުތަކަށް ކަމަށް ވާލްޑް ބޭންކުން ބުނެއެވެ.