މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ހޫބޭ ޕްރޮވިންސްއިން ފެނި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާރު ފެތުރިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހަގީގީ ފެށުމަކީ ކޮންމެހެން އެއީ ކަމުގައި ނުވެދާނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

ކޮވިޑް-19އާއި ގުޅިގެން ޗައިނާއަށް ބޮޑެތި ފާޑުކިއުންތަކެއް އަދިވެސް އަމާޒު ކުރަމުންދާއިރު ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން މިހާރު ވަނީ ވައިރަހުގެ ޒިންމާ އެހެން ފަރާތްތަކަށް އަމާޒު ކުރަން ފަށާފައެވެ.

ޗައިނާގެ ހާރިޖިއްޔާއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ތަރުޖަމާނު ޝާއޯ ލޯޝިއާންގް ވިދާޅުވީ، ކޮވިޑް-19ގެ ފުރަތަމަ ކޭސްތައް ފެންމަތިވީ ޗައިނާގެ ވޫހާންއިން ކަމުގައި ވީ ނަމަވެސް، އެ ވައިރަހުގެ ހަގީގީ ފެށުން ނުބަތަ ވައިރަސް އުފެދިގެން އައީ އެތަނުން ނޫންކަމަށްވެސް ވެދާނެ ކަމަށެވެ.

މިހާތަނަށް ލިބިފައިވާ ރަސްމީ ރެކޯޑްތަކުން ދައްކާ ގޮތުގައި ކޮވިޑް-19 އުފެދި، ފެތުރެން ފަށާފައިވަނީ ހޫބޭ ޕްރޮވިންސްގައި އޮންނަ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް ބާޒާރެއް ހިމެނޭ ސަރަހައްދަކުންނެވެ. މިކަމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ދަނީ ޗައިނާގެ ބައެއް ހިސާބުތަކުގައި އޮންނަ ސަގާފަތްތަކަށް ފާޑުކިޔާ، އެ ގައުމަށް ފުރައްސާރަކުރަމުންނެވެ. މިކަން މި ގޮތަށް ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން ޗައިނާއަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކާޓޫނު ކުރެހުމެއް/ފޮޓޯ: ޓްވިޓާ

ކޮވިޑް-19އަކީ ޗައިނާއިން އުފެދުނު ރޯގާއެއްގެ ގޮތުގައި އަޑު ފެތުރުމަކީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ޗައިނާ ހާރިޖިއްޔާގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ، ވައިރަހުގެ ފެށުން އައި ގޮތް ދެނެގަތުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާ، އެކަން އަދި ވަކި ކޮޅެއްގައި ޖެހިފައި ނުވާ ކަމަށެވެ.

ސަމާލުކަން ދޭންވީ ކޮވިޑް-19އާއި ދުރަށް ދާނެ ގޮތެއް ހޯދުމަށް ކަމަށާ، ވަކި ބަޔަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފުރައްސާރަކުރުންތަކާ ދުރަށް ދާންޖެހޭ ކަމަށްވެސް ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ކޮވިޑް-19އަށް އެ ނަން ދީފައިވަނީވެސް ވަކި ގައުމެއް ނުވަތަ ސަރަހައްދަކަށް ދެރައެއް ލިބިދާނެ ފަދަކަމަކުން ދުރުވުމަށްކަންވެސް ޗައިނާގެ އޮފިޝަލު ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ހަނދާންކޮށްދެއްވާފައެވެ.

"ކޮވިޑް-19" މި ނަމުގައި ހިމެނޭ 'ކޮވި' ރަމްޒުކޮށްދެނީ މި ވައިރަސް ނިސްބަތްވާ ކޮރޯނާވައިރަހުގެ އާއިލާއެވެ. 'ޑީ' ރަމްޒުކޮށްދެނީ ޑިޒީޒް ނުވަތައް ބައްޔެވެ. '-19' ރަމްޒުކޮށްދެނީ ބަލި ފެށިގެން އައި އަހަރު ކަމަށްވާ 2019 ވަނަ އަހަރެވެ.