ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ކާމިޔާބު ކުރާނީ އިދިކޮޅު ފަރާތްތަކަށް ކޮރޯނާ ޖެއްސުމަށް ފަހު ކަމަށް ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ މިއަދު ބޭއްވި ރައްޔިތުން މަޖިލިސް ޖަލްސާގައި ދެއްކެވި ވާހަކައަށް އެމްޑީޕީގެ ފަރާތުން މައާފަށް އެދިއްޖެއެވެ.

ކޮރޯނާގެ ސަބަބުން ރާއްޖެ އަށް ކާޑުގެ ދަތިކަން ފޯރަފާނެތީ ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު މުޣުނީ ވިދާޅުވީ ކޮރޯނާގެ ސަބަބުން ދިވެހި ރައްޔިތުން ކަންބޮޑުވާ ދަރަޖައަކަށް އަދި ދާން ނުވޭ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ކޮންމެ ދުވަހަކުވެސް ސަރުކާރުން އެކަމުގައި އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތުތައް ދިވެހި ރައްޔިތުންނަށް ހިއްސާ ކުރަމުން ގެންދާކަން ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތައް ކަންބޮޑުވާ ކާޑުގެ ބާވަތްތައް ތިނަދޫގައި އެބަހުރި ކަމަށެވެ. އެގޮތުން ގޭގެއަށް ބޭނުންވާ ވަރަށް ކާނާ އެބަހުރިކަން ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައިވެސް ކާޑުގެ ބާވަތްތައް ހުސްނުވެ ރާއްޖެއިން ލިބޭނެކަމުގެ ޔަގީންކަން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ދެމުން ގެންދާ ކަމަށެވެ.

މުޣްނީ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކެމްޕެއިންގައި ކޮރޯނާ ވައިރަސް ޖެއްސޭތޯއެވެ. މުޣްނީ ވިދާޅުވީ އެމްޑީޕީއިން ކެމްޕެއިންގެ ދަތުރު ފަށަނީ ވައިރަހާ ގުޅޭ މައުލޫމާތައި ފަރުވާ ހިފައިގެން ކަމަށެވެ.

"އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ ތިޔަބޭފުޅުން ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބާފަ،" މުގުނީ ވިދާޅުވިއެވެ.

މުޣުނީގެ މި ވާހަކަތަކާއި ގުޅިގެން ގިނަބަޔަކު އެމްޑީޕީއަށާއި އަދި މުޣުނީއަށްވެސް ފާޑު ކިޔުންތައް ދިޔައީ އަމާޒު ކުރަމުންނެވެ. އެކަމާއި ގުޅިގެން މިއަދުގެ މަޖިލިސް ވޯޓު ގަޑިއަށްފަހު އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. އަދި ވިދާޅުވީ ބަހުސްގައި މުޣުނީއަށް ދެއްކެވުނު ވާހަކަތަކަށް އޭނާ މައާފަށް އެދިފައިވާ ކަމަށެވެ. އާޒިމް ވިދާޅުވީ ވަކި ބަޔަކަށް ބައްޔެއް ޖެއްސުމަށްފަހު އިންތިހާބެއް ކާމިޔާބު ކުރުމަކީ އެމްޑީޕީގެވެސް އަދި މުޣުނީގެ ވެސް ވިސްނުމެއް ނޫން ކަމަށެވެ. އާޒިމް ވިދާޅުވީ އެ ބަހަކީ މުޣުނީ ގަސްތުގައި ވިދާޅުވި ބަހެއް ނޫން ކަމަށާއި އެއީ މެންބަރަށް އޮޅިގެން ވިދާޅުވެވުނު ބަހެއް ކަމަށެވެ.

އާޒިމް އެފަދައިން ދެންނެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ އެކަން ސާފުކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ. އެކަމާއި ގުޅިގެން އީވާ ވިދާޅުވީ މަޖިލިސް ތަޅުމުގައި ސިޔާސީ ގޮތުން މެންބަރުންނަށް ކިތަންމެ ވަރަކަށްވެސް ކޯޅިދާނެ ކަމަށާއި ނަމަވެސް ދިވެހި ރައްޔިތުން ތެރޭގައި އެކަކު އަނެކަކާ އެހާ އަނިޔާވެރި ވާނޭ ގޮތަކަށް ވާހަކަ ނުދެއްކެވުމަށް މެންބަރުންނަށް އިލްތިމާސް ކުރާ ކަމަށެވެ.