ދުނިޔޭގައި އަހަރަކު އަށް މިލިއަން ކުދިން އުފަންވަނީ އުފެދުމުގައި ހުންނަ އެކިއެކި އައިބުތަކާ އެކު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްސާއިން ބުނެފިއެވެ.
މިއަދު ފާހަގަ ކުރަމުންދާ "ވޯލްޑް ބާތު ޑިފެކްޓްސް ޑޭ" އާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އުފެދުމުގައި އައިބު ހުންނަ ކުދިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި މިދިޔަ އަހަރު ރާއްޖޭގައި އުފަންވި ކުދިންގެ ތެރެއިން 283 ކުދިންނަކީ އައިބުތަކާއެކު އުފަންވެފައިވާ ކުދިން ކަމަށެވެ.
އުމުރުން އެއް އަހަރު ފުރުމުގެ ކުރިން މަރުވާ ކުދިން މަރުވާން ދިމާވާ މައިގަނޑު އެއް ސަބަބު ކަމުގައި ފާހަގަ ކުރެވިފައިވަނީ ވެސް އުފެދުމުގައި އައިބު ހުރުމެވެ.އެފަދަ ކުދިންނަކީ ނަފްސާނީ އަދި ޖިސްމާނީ ކޮންމެވެސް ކަހަލަ ނުކުޅެދުންތެރިކަމެއް ހުންނާނެ ކުދިންކަމަށް ވާތީ، އޭގެ ސަބަބުން އާއިލާތަކަށް އިގްތިސޯދީ އަދި އިޖްތިމާއީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އުފެދުމުގައި އައިބު ހުންނަ ކުދިން ލިބުން މަދުކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ޑަބްލިއުއެޗްއޯ އިން ދެކުނުއިރުމަތީ އޭޝިއާގައި ގާއިމުކުރި "ބާތު ޑިފެކްޓްސް ސާވެއިލަންސް" ނިޒާމް ރާއްޖޭގައި ގާއިމުކުރީ 2015 ވަނަ އަހަރުއެވެ. އެ ނިޒާމަށް އަހުލުވެރިކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށް 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް މާލެ އާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ކަމާބެހޭ ތަމްރީންތައް ހިންގާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން 2019 އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެއަހަރު އުފަންވި ކުދިންގެ 283 ކުދިންނަކީ އުފެދުމުގެ އައިބުތަކާއެކު އުފަންވި ކުދިން ކަމަށް ބަޔާނުގައިވެއެވެ.
"ވޯލްޑް ބާތު ޑިފެކްޓްސް ޑޭ" ފާހަގަ ކުރުމުގެ މައިގަނޑު މަގްސަދަކީ، އުފެދުމުގައި އައިބު ހުންނަ ކުދިންގެ އަދަދު އިތުރުވަމުންދާކަމަށް ފާހަގަކުރެވޭތީ މިކަމަށް މުޖުތަމައު ހޭލުންތެރިކުރުވުމެވެ. މި އަހަރު މި ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް މިއަދުން ފެށިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އުފަންވެނި ސިއްހަތު ޕްރޮގްރާމާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން އެކިކަހަލަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވައިފައެވެ.
ދުވަހާ ގުޅުވައިގެން ހޭލުންތެރިކަން އިތުރުކުރުމަށް ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިންގ އާ ގުޅިގެން އުފެދުމުގައި އައިބު ހުންނަ ކުދިންނާބެހޭ ގޮތުން ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ޕެނަލް ޑިސްކަޝަންގައި ކަމާ ގުޅޭ މަސައްކަތްކުރައްވާ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތަކާއި އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮދިނުމުގައި ޖަމިއްޔާތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ދުވަހާ ގުޅުވާ "އައި ކެއާ" ގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އުފެދުމުގައި ހުންނަ އައިބުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ސޯޝިއަލް މީޑިއާ ކެމްޕޭން ރާއްޖޭގައިވެސް ވަނީ ފަށައިފައެވެ.
މިނިސްޓްރީން ބުނީ ޅަފަތުގައި ތުއްތު ކުދިންނަށް ދިމާވާ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށާއި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އުފަންވާ ތުއްތު ކުދިންނަށް ޅަފަތުގައި ދެވޭ ސިއްހީ ހިދުމަތާއި ފަރުވާ ރާއްޖޭގައި ރަގަޅުކުރުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން ސިއްހީ ހިދުމަތްތެރިންނަށް 'ފެސިލިޓީ ބޭސްޑް ނިއުބޯން ކެއާ' ގެ ހާއްސަ ތަމްރީންތައް މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފެސިލިޓީ ބޭސްޑް ނިއުބޯންކެއާ ތަމްރީނަކީ ވިހާވަގުތުން ފެށިގެން ތުއްތު ދަރިފުޅުގެ އުމުރުން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މައްޗަށް ދުނިޔޭގެ ސިއްހަތި ޖަމިއްޔާއާއި ޔުނިސެފުން އެކުލަވާލައްވާފައިވާ ތަމްރީން ޕެކޭޖެއްގެ މައްޗަށް ބިނާކޮށް ހިންގާ ތަމްރީންތަކެކެވެ. މިއަހަރު ވޯލްޑް ބާތު ޑިފެކްޓްސް ޑޭގެ ޝިޔާރަކީ "މެނީ ބާތު ޑިފެކްޓްސް، ވަން ވޮއިސް"އެވެ.