ސައުދީ އަރަބިއްޔާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާ މީހަކީ އެ ގައުމަށް އެތެރެވުމުގެ ކުރިން އީރާނަށް ދަތުރުކޮށްފައިވާ ސިއްރުކުރި މީހެއް ކަމަށް ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ސައުދީއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިގެން ކުރި ރިޕޯޓްގައި އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ސައުދީގެ ރައްޔިތެއް ކަމަށާ، އެމީހާ ގައުމަށް އެތެރެވީ އީރާނަށް ދަތުރުކުރުމަށްފަހު ބަހްރައިން މަގުން ކަމަށެވެ. ނަމަވެސް އޭނާ އީރާނަށް ދަތުރުކުރިކަން ސިއްރު ކޮށްފައި އޮތް ކަމަށެވެ.

އީރާނުން ދަނީ އާންމުން އެއްވާ ތަންތަން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން/ފޯޓޯ: އޭއެފްޕީ

ދުނިޔޭގެ އެކި ކަންކޮޅުތަކުން 70އަށްވުރެ ގިނަ ގައުމާ ސަރަހައްދަށް ކޮވިޑް-19 ފެތުރިފައިވާއިރު މެދުއިރުމަތީގައި ވައިރަސް ހަބެއްގެ ގޮތުގައި ސިފަކުރަމުން އަންނަނީ އީރާނެވެ. އީރާނުން ކޮވިޑް-19 ފެނިގެން ރިޕޯޓް އާންމުކުރިތާ 2 ހަފުތާއެއްހާ ދުވަސް ވެފައިވާއިރު އެގައުމުން 1000އަށްވުރެ ގިނަ މީހުންވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. މިމުއްދަތުގައި އީރާނުން މަރުވި މީހުންގެ އަދަދު 60 އަށްވުރެ މައްޗަށް އަފާފައިވާއިރު، ކޮވިޑް-19ގެ ފެށުން ކަމަށްވާ ޗައިނާއިން ބޭރުން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީވެސް އީރާނުގައެވެ.

ސައުދީގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހާއާއި އެކި ގޮތްގޮތުން 'ކޮންޓެކްޓް' ވެފައިވާ މީހުންވެސް މިހާރު އެކަހެރިކޮށް، ވައިރަހަށް ޓެސްޓު ކުރަމުންދާކަމަށެވެ.

އީރާނަށް ދަތުރުކުރުމާ، އީރާނުން އަންނަ ފަރާތްތަކަށް ގައުމަށް އެތެރެވުމަށް ހުއްދަ ދިނުމުގައި މެދުއިރުމަތީގެ ގައުމުތަކުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ.

ސައުދީއިން ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިފައި މިވަނީ އެގައުމުގައި ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދަނިކޮށެވެ. އެގޮތުން ސައުދީއިން ވަނީ އުމްރާގެ އަޅުކަން އެދިގެން އަންނަ ބިދޭސީންނަށްވެސް އެ ގައުމަށް އެތެރެ ނުވެވޭނެކަން އިއުލާންކޮށްފައެވެ. މީގެ އިތުރުން ކޮވިޑް-19 ފެނިފައިވާ ސަރަހައްދުތަކުން އަންނަ ފަރާތްތަކަށް ޓޫރިސްޓް ވިސާވެސް ދޫނުކުރުމަށް ސައުދީއިންވަނީ ނިންމާފައެވެ.

ޚާދިމުލް ޙަރަމައިނި އަލްޝަރީފައިން ވަނީ މިސްކިތުގެ އިތުރުން މިސްކިތާ ގުޅިފައިވާ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ދެގުނަ އިތުރުކޮށްފަ/ފޮޓޯ: އެސްޕީއޭ

ސައުދީގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވީ ސައުދީއަށް ކޮވިޑް-19 ފެތުރިދާނެ ހާލެއްގައި އެކަމަށް ފަރުވާ ދިނުމަށް 25 ހޮސްޕިޓަލެއް ހާއްސަކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން 2200 އެނދުގެ ކަރަންޓީނު ފެސިލިޓީތައްވެސް ގާއިމުކޮށްފައިވާކަމަށް ސައުދީއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުންވެސް ސައުދީއިން ވަނީ ކޮވިޑް-19އާއި ގުޅިގެން އިތުރު ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން، މުސްލިމުންގެ މުގައްދަސް ދެ މިސްކިތް ކަމަށްވާ އަލް-މަސްޖިދު އަލް-ޙަރަމްއާއި، އަލް-މަސްޖިދު އަލް-ނަބަވީ އޮތީ ބަލިމަޑުކަމެއް ކުރިމަތިވެއްޖެ ހިނދެއްގައި އެކަމާ ކުރިމަތިލުމަށް ތައްޔާރީ ހާލަތުގައި ކަމަށް ޚާދިމުލް ޙަރަމައިނި އަލްޝަރީފައިން ނުވަތަ ދަ ޖެނެރަލް ޕްރެޒިޑެންސީ އޮފް ދަ ޓޫ ހޯލީ މޮސްކްސް އިންވަނީ ހާމަކޮށްފައެވެ. އަޅުކަން ކުރަން އަންނަ ފަރާތްތަކަށް ކޮންމެހެން ދޭންޖެހޭ މައުލޫމާތުތައް ފޯރުކޮށްދެވެމުންދާކަމަށާ، މަސްޖިދު އަލް-ޙަރަމް ސާފުކުރުމުގެ މަސައްކަތް ދެގުނަ އިތުރުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ދުވާލަކު 4 ފަހަރު މިސްކިތާ މިސްކިތުގެ ވަށައިގެންވާ ސަރަހައްދު ދޮވެ ސާފުކުރަމުންދާކަމަށް ޚަބަރު ލިބެއެވެ.