ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ފުށޫ އަރާނެހެން ދުންފަތުގެ ސިނާއަތާ ގުޅިގެން، "ފައުންޑޭޝަން ފޯ އަ ސްމޯކްފްރީ ވޯލްޑް" އިން ހިންގާ ހަރަކާތްތަކާ މެދު ސަމާލުވުމަށް ގޮވާލައިފިއެވެ.

ހެލްތު މިނިސްޓްރީން "ފައުންޑޭޝަން ފޯ އަ ސްމޯކްފްރީ ވޯލްޑް"ގެ ހަރަކާތްތަކަށް ސަމާލުވުމަށް ގޮވާލާފައި ވަނީ، އެ ޖަމިއްޔާއިން ރާއްޖޭގެ އަމިއްލަ ބައެއް ފަރާތްތަކާއި، ކުންފުނިތަކާއި އަދި ސަރަހައްދީ ބައެއް ޖަމާއަތްތަކާ ގުޅިގެން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދިރާސާތައް ކުރަމުން ދާތީއެވެ. އެގޮތުން ދިރާސާ ކުރުމުގެ ނަމުގައާއި، ސީ.އެސް.އާރު ހަރަކާތްތަކުގެ ނަމުގައާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ނަމުގައި ބައެއް ހަރަކާތްތައް ހިންގާފައިވާ ކަމާއި އަދި ހިންގުމަށް ރާވަމުން ދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ދުންފަތަކީ، ކޮންމެ ގޮތަކަށް ތައްޔާރުކޮށް ކޮންމެ ގޮތަކަށް އަދި ކޮންމެ މިންވަރަކަށް ބޭނުން ކުރި ނަމަވެސް އާންމު ސިއްހަތު ރައްކާތެރި ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ބޮޑެތި ބަލިތަކަށް މީހާ ހުށަހެޅޭ މައިގަނޑު އެއް ސަބަބަށް ވީހިނދު، ދުންފަތުގެ އެއް ބާވަތް އަނެއް ބާވަތަށް ވުރެ ރައްކާތެރިކަމަށް ނުވަތަ ގެއްލުން ކުޑަކަމަށް ދެއްކުމަށް ދުންފަތުގެ ސިނާއަތުން ކުރާ މަސައްކަތަކީ ސައިންޓިފިކް ގޮތުން ސާބިތު ނުހިފޭ އަދި ދުންފަތުގެ ހަގީގަތް އޮޅުވާލުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ، އ.ދ ގެ އާންމު މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގައި، ދުންފަތުގެ ސިނާއަތުގެ މަގްސަދުތަކާ ހަރަކާތްތަކަކީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މަގްސަދުތަކާ މަސްލަހަތަށް ފުށުއަރާ ކަމެއް ކަމެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ގޮތުގައި، "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގްވާމީ މުއަހަދާ" (އެފް.ސީ.ޓީ.ސީ) ގެ 5.3 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާއިރު، އެ ސިނާއަތުގެ މަގްސަދުތަކާ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާ އަކަށް "ފައުންޑޭޝަން ފޮ އަ ސްމޯކް ފްރީ ވޯލްޑް" އަކީ ދުންފަތުގެ ސިނާއަތުގެ މާލީ އެހީގައި މަސައްކަތް ކުރާ ޖަމިއްޔާ އަކަށްވާތީ، މި ޖަމިއްޔާއާއެކު ބައިވެރިވާ އެހެން ފަރާތަކަށް ވިއަސް ދުންފަތް ކޮންޓްރޯލް ކުރުމުގެ އެއްވެސް ދައުރެއް އަދާ ނުކުރެވޭނެއެވެ.

އެހެންކަމުން އެ ޖަމިއްޔާގެ މާލީ އަދި ފަންނީ ވަސީލަތްތައް ބޭނުންކޮށްގެން ނުވަތަ އެ ޖަމިއްޔާގެ ބައިވެރިވުމާއެކު، ދިވެހިރާއްޖެ އަކީ މުއާހަދާގެ މެންބަރު ގައުމެއް ކަމުން މިފަދަ އެއްވެސް ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެ އެއްބާރުލުން ދީގެން ނުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އަދި އެ ފައުންޑޭޝަން އިން ހިންގާ ހަރަކާތް ތަކަކީ، ސަރުކާރުން އެކަމާ ކަންބޮޑުވާ އަދި ސަރުކާރުން ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތާ ސީދާ މަސްލަހަތު ފުށު އަރާ ކަމެއް ކަމުގައިވާތީ، ފައުންޑޭޝަން ފޯ އަ ސްމޯކް ފްރީ ވޯލްޑް އިން، ނުވަތަ އެ ފަރާތާއި ބައިވެރިވެގެން ނުވަތަ އެފަރާތުގެ މާލީ އަދި ފަންނީ އެހީގައި ހިންގާ އެއްވެސް ހަރަކާތެއްގައި، އެއްވެސް ފަރާތަކުން އެއްވެސް މިންވަރަކަށް ބައިވެރިނުވުމަށް ހެލްތު މިނިސްޓްރީން އެދެއެވެ.

މީގެ އިތުރުން އެފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ ލަސްނުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ރިޕޯޓު ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ރިޕޯޓް ކުރުމަށާއި މައުލޫމާތު ހޯދުމަށް 3014411، ނުވަތަ 3014455 ނަންބަރަށް ގުޅޭނެ ކަމަށް އެފަރާތުން ބުނެއެވެ.