ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކުއިލިއަމް ޖަމިއްޔާއިން ދޭ ފަތުވާތަކުގެ ދިފާއުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ތެދުވުމުން، އުވާލާފައިވާ އެމްޑީއެންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަހިންދާ އިސްމާއީލް އެމްޑީޕީއަށް ޝުކުރު އަދާކޮށްފިއެވެ.

ޝަހިންދާ އިއްޔެ ކުރި ޓްވީޓެއްގައި ވަނީ ނަފްރަތު އުފެއްދުމާއި، ދޮގު މައުލޫމާތު ފެތުރުން ހުއްޓުވަން ޖެހޭކަމަށް ބުނެފައެވެ. އޭނާ ބުނީ ވަކިވަކި މީހުން ފާހަގަކޮށް އެމީހުންނާ މެދު ނަފްރަތު އުފެއްދުމަކީ މިހާރު އާންމު ކަމަކަށް ވެއްޖެ ކަމަށެވެ. އަދި އެއީ ވަރަށް ނުރައްކާތެރި ކަމެއްކަން ފާހަގަކޮށް ޝަހިންދާ ބުނީ އެކަމުގެ ސަބަބުން ބައެއް މީހުން މަރުވެފައިވާ ކަމަށެވެ.

ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ ކުށްވެރިކުރުމުގެ ގޮތުން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ މީހުން ގައިގައި "ލާދީނީ" ލޭބަލް އަޅުވާ އެ މީހުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކާ މުޖްތަމައު ފިތުނަ ކުރުމަކީ ގަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. އަދި އޭގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ވަނީ ގޮސްފައި ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ، މިފަހަކަށްއައިސް މުޖުތަމައުގެ އެއްބައެއް އަނެއްބަޔަކާމެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި މުޖްތަމައުގައި ފިތުނަވެރިކަން އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާކަމަށެވެ.

އެގޮތުން، ދީނީ ގޮތުން ހިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ބަޔަކު ވާހަކަ ދައްކަމުންދާ ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ބުނީ، އެކަންކުރުމުގައި އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އެމްޑީޕީން ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވޯކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔަ ހަވާހަކަތައް ފާހަގަ ކޮށްފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ، ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައިވާ ދިވެހިންނާއި އެމީސް މީހުންގެ އާއިލާތައް އަނބުރާ މުޖްތަމައުތެރެއަށް ގެނައުމުގައި އެމީހުން ރީހެބިލިޓޭޓް ކުރުމަކީ ސަރުކާރުން ހިންގަންޖެހިފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ. ސަރުކާރުން އެމަސައްކަތް ކުރަމުންދާއިރު، އެމަސައްކަތަށް ގަސްދުގައި ހުރަސްއަޅައި އެމަސައްކަތް ހިންގިޔަ ނުދީ، އެމަސައްކަތް ފެއިލް ކޮށްލުމަށްޓަކައި ބަޔަކު މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީން ބުނެއެވެ.

ޝަހިންދާ އެމްޑީޕީއށް ޝުކުރު އަދާކޮށްފައިވާއިރު އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެމްޑީޕީން މިއަދާއި ހަމައަށްވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.