މިނިސްޓްރީ އޮފް ހެލްތްގެ 20 މަޝްރޫއެއް ހިންގަން ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީގެ 20 މަޝްރޫއެއް ކައުންސިލްތަކާ ހަވާލުކޮށްފައި ވަނީ މިއަދު އެ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި، 20 ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ، އެ ރަށްރަށުގެ ކައުންސިލަރުންނާއި އެ ރަށްރަށުގެ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ތިއްބެވި އިސްވެރިންނެވެ.

ހެލްތްގެ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވާ ކައުންސިލްތަކުގެ ތެރޭގައި، ހއ. މާރަންދޫ، ހއ. ވަށަފަރު، ހއ. ފިއްލަދޫ، ހދ. ވައިކަރަދޫ، ހދ. ފިނޭ، ހދ. މަކުނުދޫ، ނ. ކެނދިކުޅުދޫ، ރ. ހުޅުދުއްފާރު، ރ. ވާދޫ، އއ. ފެރިދޫ، އދ. ދަނގެތި، އދ. ދިގުރަށް، މ. މުލައް، ލ. މާމެންދޫ، ގއ. ދެއްވަދޫ، ގއ. މާމެންދޫ، ގއ. ނިލަންދޫ، ގދ. މަޑަވެލި، ގދ. ފިޔޯރީ އަދި ސ. ހުޅުދޫގެ ކައުންސިލް ހިމެނެއެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން / ފޮޓޯ: ހެލްތް

އެ ރަސްމިއްޔާތުުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ސިއްހީ ދާއިރާއިން އިސް ނަގަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ނަމޫނާއަކަށް ވުމަށްޓަކައި ކަމަށެވެ. މިނިސްޓަރު އަމީން ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ކައުންސިލްތައް އުފެދި، ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވި، ކައުންސިލްތަކަށް މަސްއޫލިއްޔަތު އަދާކުރުމުގެ ހަގީގީ ބާރުވެރިކަން ލިބިގެންދާ ދުވަހެއް ކަމަށެވެ. އަދި ސިއްހީ ދާއިރާ ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނީ ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރާއްޖޭގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަސް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަމީން ވަނީ، ފައިސާ ހަރަދުކުރުމާއި މަޝްރޫއުތައް ހިންގުމުގެ ބާރު ވެސް ކައުންސިލްތަކަށް ލިބިގެންދާއިރު ރައްޔިތުން އެދޭގޮތަށް، ބާރު ސްޕީޑުގައި މަޝްރޫއުތައް ނިންމައިދިނުމަށް ކައުންސިލްތަކަށް އިލްތިމާސްކޮށްފައެވެ. އަދި އެކަން ކަމަށް މިނިސްޓްރީގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، އެ އެހީތެރިކަން ލިބޭނެ ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.