މެލޭޝިއާގައި ދާދިފަހުން އުފެދިފައިވާ ސިޔާސީ ހައިޖާނުގެ ތެރޭގައި ރޫޅާލާފައިވާ ވެރިކަންކުރާ ކޯލިޝަންގެ ފަރާތުން ބޮޑުވަޒީރު ކަމުގެ މަގާމަށް ވާދަކުރައްވާނެ ކަމަށް، މިދިޔަ ހަފުތާ ތެރޭގައި ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވަގުތީ ގޮތުން އެ މަގާމުގައި ހުންނަވައިގެން ގައުމު ހިންގަވަމުންދާ ޑރ މަހާތީރު މުޙައްމަދު އިއުލާންކުރައްވައިފިއެވެ.

ޑރ މަހާތީރު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގަތުމަށް ހޯއްދަވަންޖެހިވަޑައިގަންނަވާ ތާއީދު މިހާރު ކަށަވަރުވެފައިވާކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

ޑރ މަހާތީރަކީ މިވަގުތު މުޅި ދުނިޔެއަށް ބަލާއިރުވެސް ގައުމެއްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އެންމެ ދޮށީ ބޭފުޅާއެވެ. ބޮޑުވަޒީރު ކަމުގެ މަގާމަށް އަލުން ކުރިމަތިލައްވާނެކަން، އުމުރުފުޅުން 94 އަހަރުގެ ޑރ މަހާތީރު އިއުލާންކުރައްވާފައިރު، މީގެ މާނައަކީ، ސިޔާސީ މައިދާނުގައި އަބަދުމެހެން ޑރ މަހާތީރާ ދެމެދު ދެބަސްވުންތައް އުފެދިގެންދާ ޝަހްސް، އަންވަރު އިބްރާހީމް، 72،އާއި ގުޅުން އަލުން އިޔާދަކުރެއްވުން ކަމަށް ސިޔާސީ މުރާސިލުން ދަނީ ސިފަކުރަމުންނެވެ.

މެލޭޝިއާގައި 60 އަހަރަށްވުރެ ގިނަ ދުވަހު ވެރިކަން ކުރަމުންދިޔަ އުމްނޯ ސަރުކާރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޑރ މަހާތީރާ އަންވަރު ކޯލިޝަން ހައްދަވައިގެން 2018 ވަނަ އަހަރުގެ އިންތިހާބަށް ނިކުންނެވީ ވަކި ހިސާބަކުން އަންވަރާ ބާރުތައް ހަވާލުކުރެއްވުމަށް އެއްބަސްވެވަޑައިގެންނެވެ. ނަމަވެސް އެފަދަ ކަމަކަށް އަމަލީ ސިފައެއް އައިސްފައި ނުވާއިރު، އެންމެ ފަހުން މިއަދު ޑރ މަހާތީރުގެ ފަރާތުން އާންމު ކުރެއްވި ބަޔާނުގައިވެސް އެފަދަ ވާހަކަފުޅެއް ބަޔާންކުރައްވާފައެއް ނުވެއެވެ.