ރޯގާއާއި ފާނަބަސަންދު ފެތުރޭތީ ސަމާލުވުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފިއެވެ.
އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދުވަސްވަރަކީ މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރޭ ދުވަސްވަރަކަށްވާތީވެ ބަލިމީހުންގެ އަދި އަމިއްލަ ރައްކަލަކަށް "ހައި ރިސްކް" ފަރާތްތަކުން ބަލިމީހުންނަށް ޒިޔާރަތް ނުކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.
ހައި ރިސްކް ފަރާތްތަކުގެ ތެރޭގައި ފާނަބަސަންސު ޖެހިގެން އުޅޭގެއެއްގެ މީހުން (ކުރިން ފާނަބަސަންދު ޖެހިފައި ނުވާ މީހުން އަދި ފާނަބަސަންދަށް ވެކްސިން ދެޑޯޒް ޖަހާފައި ނުވާ މީހުން) ހިމެނެއެވެ. އެއީ އަލާމާތެއް ފެނެންނެތަސް ބައްޔަށް ހުށަހެޅިފައިވާ މީހުންގެ ޒަރީއާއިން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ވާތީއެވެ.
އަދި ކުޑަކުދިންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި، އުމުރުން ދޮށީ މީހުންގެ އިތުރުން ރޯގާޖެހި، ހުންއައިސް، ކިނބިހިއަޅާ ނުވަތަ ކެއްސާ މީހުން ވެސް ބަލި މީހުންނަށް ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.
ބަލިން ރައްކާތެރިވުމަށް އަދި ބަލި ފެތުރުން ހުއްޓުވުމަށް ސަމާލުކަންދޭންވީ ކަންތައްތައް:
- ކެއްސާ ކިނބިހި އަޅާއިރު، ނޭފަތާއި އަނގަމަތި ނިވާކުރުން
- ސައިބޯނިލައިގެން ގިނަގިނައިން އިތްދޮވުން ނޫންނަމަ ސެނިޓައިޒާއެއް ބޭނުންކުރުން
- އަތްދޮވެގެން މެނުވީ ލޮލާއި، އަނގަ އަދި ނޭފަތުގައި އަތްނުލުން
- ރޯގާޖެހި، ކިނބިހިއަޅާ ނުވަތަ ކެއްސާނަމަ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް މާސްކް ބޭނުން ކުރުން
- ބޭނުން ކޮށްފައިވާ މާސްކް/ޓީޝޫ ފަދަ ތަކެތި ކޮތަޅަކަށްލާ ބަންދުކުރުމަށްފަހު ނުވަތަ ކޮތަޅުލައްވާފައިވާ ޑަސްބިނަކަށްލުން
- އިންފްލުއެންޒާ ވެކްސިން، ފާނަބަސަންދު ވެކްސިން، އެމްއާރް ވެކްސިން ނުޖަހާ ފަރާތްތައް، ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް ވީއެންމެ އަވަހަކަށް ވެކްސިން ޑޯޒުތައް ފުރިހަމަ ކުރުން
މީގެ އިތުރުން ބަލިތަކުން ރައްކާތެރިވުމަށް އިލްތިމާސް ކުރައްވަމުން ބައެއް ޑޮކްޓަރުން ދަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށާފައެވެ. "#އަހަރެންވެސްއަތްދޮވެފިން" މި ހޭޝްޓެގްގެ ދަށުން ޑޮކްޓަރުން ގެންދަވަނީ ވީހާވެސް ގިނައިން އަތްދޮވުމަށް އާންމުންނަށް ހަނދާންކޮށް ދެމުންނެވެ.