މުޅި ދުނިޔެއަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރިގެން ދިއުމަށް އޮތް ނުރައްކާ، އޭގެ އެންމެ މަތީ ދަރަޖައަށް އެބައޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ކަނޑައަޅައިފިއެވެ.

ރޯގާތަކާ ބަލިމަޑުކަމުގެ ނުރައްކާ ވަޒަން ކުރާ ގިންތީގެ އެންމެ ނުރައްކާ ދަރަޖާގައި ކޮވިޑް-19 ލިސްޓުކޮށްފައިވީ ނަމަވެސް، ވައިރަސް ފެތުރެމުންދާ ޗޭނު ހަލާކުކޮށްލެވިއްޖެނަމަ، ބަލި ކޮންޓްރޯލް ކުރުމަށް ކޮންމެވެސް ވަރެއްގެ ފުރުސަތެއް އެބައޮތްކަމަށްވެސް ޑަބްލިއު.އެޗް.އޯއިންވަނީ ބުނެފައެވެ.

ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ ކޮވިޑް-19އާއި ގުޅިގެން އެކަމަކުން އަރައިގަތުމަށް އެންމެ ދަތިވެފައިވާ ގޮންޖެހުންތަކަކީ 'ބިރާއި ދޮގު މައުލޫމާތު' ކަމަށެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ ވައިރަސް ފެތުރިގެންދާ ގޮތް އަދިވެސް ހޯދޭ ކަމަށާ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އާބާދީތަކުގެ ތެރޭގައި 'މިނިވަންކަމާއެކު' ވައިރަސް ފެތުރިގެންދާކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށެވެ.

ޑަބްލިއު.އެޗް.އޯގެ ހެލްތް އެމާޖެންސީ ޕްރޮގްރާމްގެ އިސްވެރިޔާ ޑރ މައިކް ރަޔަން ވިދާޅުވީ، ކޮވިޑް-19ގެ ރިސްކް ލެވަލް އޭގެ އެންމެ މަތީ ދަރަޖައަށް އިތުރުކޮށްފައިވަނީ، ގައުމުތަކުގެ ސަރުކާރަށް ހަގީގަތް ސާފުކޮށްދޭން ކަމަށާ، ބައެއް ގައުމުތަކުން އަދިވެސް މި ރޯގާއަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައި ނުވާކަމަށެވެ.

ޑރ ރަޔަން ވިދާޅުވީ ކޮންމެ ސަރުކާރަކީވެސް އެ ގައުމެއްގެ ރައްޔިތުންގެ އިތުރުން މުޅި ދުނިޔެއަށްވެސް ޒިންމާވެ، ޖަވާބުދާރީ ވާންޖެހޭ ބައެއް ކަމަށެވެ. ލިބިފައިވާ އެންމެ ފަހުގެތަފާސް ހިސާބުތަކާ ހަވާލާދެއްވަމުން ޑރ ރަޔަން ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި ފެތުރިފައިވާ ބޮޑު ރޯގާއަކަށް ކޮވިޑް-19 އަދި ވެފައިވާކަމަށް ބުނެވެން ނެތް ކަމަށެވެ.

ޑރ ޓެޑްރޯޒް ވަނީ ދުނިޔޭގެ ފެންވަރުގެ ބޮޑު ރޯގާއަކަށް ކޮވިޑް-19 ބަދަލުވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށާ ނަމަވެސް އަދި ކަންބޮޑުވެ ހާސް ވެގެން އުޅެންވީ ވަރު ނުވާކަމަށް ވިދާޅުވެފައެވެ.

ހުރިހާ ގައުމުތަކެއްގެ ސަރުކާރުތަކާ މުޖުތަމައުގެ ފުރިހަމަ އެއްބާރުލުން ލިބިއްޖެނަމަ ކޮވިޑް-19 ފެތުރިގެންދާ ރޭޓް ދަށްކޮށް، ރޯގާ ފެތުރެމުންދާ ޗޭނު ހަލާކުކޮށްލާ، ސިއްހީ ނިޒާމުތަކަށް މަތިވެފައިވާ ނުތަނަވަސްކަން ކުޑަކުރުމުގެ ފުރުސަތު އެބައޮތްކަންވެސް ޑަބްލިއު.އެޗް.އޯއިން ވަނީ ފާހަގަކޮށްފައެވެ.