ހދ. މަކުނުދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު އިންނާނެ ޖާގަ ނެތް ކަމަށް ބުނެ މިއަދު މަޖިލީހުގައި ދެކެވުނު ވާހަކައިގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެބަސްވެ ވަޑައިގެންފިއެވެ.

މި ދެބަސްވުން ހިނގާފައި ވަނީ މަކުނުދޫ ސިއްހީ މަރުކަޒުގެ ހިދުމަތަށް އަންހެނުންގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއް ނެތުމާ ބެހޭގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހެލްތް މިނިސްޓަރާ ސުވާލު ކުރެއްވުމަށް މަޖިލީހަށް ހާޒިރު ކުރުމުންނެވެ. ރާއީސް ސުވާލު ކުރެއްވީ، މަކުނުދޫ ސިއްހީ މަރުކަޒުގެ ހިދުމަތަށް އަންހެނުންގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއް އިތުރު ކޮށްދިނުމަކީ ރާއީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅަކަށް ވެފައި، ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް އެރަށު ސިއްހީ މަރުކަޒުން އެ ހިދުމަތްތައް ނުދެވޭ ސަބަބު އޮޅުންފިލުވުމަށެވެ.

ރާއީގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މަކުނުދުއަށް ޑޮކްޓަރެއް ނުގެނެވިގެން އުޅެނީ އެރަށު ސިއްހީ މަރުކަޒުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މަކުނުދޫ ސިއްހީ މަރުކަޒުގައި ހުރީ އެންމެ ކޮންސަލްޓޭޝަން ރޫމެއް ކަމަށާއި، އިތުރު ޑޮކްޓަރަކު ގެނެވޭނީ ޖާގަ އިތުރުކޮށްގެން ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، މިދިޔަ އަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނެތުމުގެ ސަބަބުން، މަރުކަޒުގެ އިމާރާތަށް ބަދަލު ގެނައުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން، އަންނަ އާދީއްތަ ދުވަހު އެ މަސައްކަތް ރަށު ކައުންސިލާ ހަވާލުކުރެވި، ރާވާފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، އެ ހިދުމަތް ފެށޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން / ފޮޓޯ: މަޖިލިސް

މިނިސްޓަރު އަމީނަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އަމީން ދެއްކެވި ވާހަކައިން ދޭހަވީ މަކުނުދުއަށް ޑޮކްޓަރުން ނުލިބިގެން އުޅެނީ ޑޮކްޓަރަކު އިންނާނެ ތަނެއް ނެތިގެން ކަމަށެވެ. އެކަމަށް ރައްދު ދެއްވާ، މަކުނުދުއަށް ޑޮކްޓަރުން ނުގެނެވިގެން އުޅެނީ މަރުކަޒުގައި ޖާގައިގެ ދަތިކަން ހުރުމުން ކަމަށް އަމީން ތަކުރާރު ކޮށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ފޯރުކޮށް ދެވޭނީ އެކަމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ވެސް ގާއިމު ކުރެވިގެން ކަމަށާއި، ރަށުގައި ޑޮކްޓަރަކު ހުރެ، ހިދުމަތް ފޯރުކޮށް ދޭނެ ޖާގަ ނެތުމުގެ ސަބަބުން އެ ހިދުމަތް ނުދެވުމުން އޭގެ އެންމެ އެދެވޭ ފައިދާ ރައްޔިތުންނަށް ނުކުރާނެ ކަމަށެވެ.

އަމީންގެ ޖަވާބާ ގުޅިގެން ނަޝީދު ވަނީ އަނެއްކާވެސް އޭނާއަށް ރައްދު ދެއްވާފައެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް މަކުނުދޫ ސިއްހީ މަރުކަޒަށް "ލައްކަ" ފަހަރު ވަޑައިގެންނެވިފައި ވާ ކަމަށާއި، ޑޮކްޓަރަކު އިންނާނެ ޖާގަ އެ މަރުކަޒުގައި އެބަހުރި ކަމަށެވެ. އެގޮތުން، އެމަނިކުފާނު ވަނީ މަކުނުދޫ ސިއްހީ މަރުކަޒުގައި ހުރި ވިއްސާ ކޮޓަރީގައި ފާއިތުވި 10 އަހަރުގައި ވެސް މީހަކު ވިއްސާފައި ނުވާ ކަން ފާހަގަ ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ، ކޮންސަލްޓޭޝަން ކޮޓަރިއެއް މަކުނުދޫގައި ނެތުމަކީ އެތަނުގައި އެ ހިދުމަތް ނުދެވޭންވީ ސަބަބެއް ކަމަށް މަޖިލީހުގައި ފާހަގަ ކުރެއްވުމަކީ މުޅިން ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް

ނަޝީދަށް ރައްދު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒުތަކެއްގައި ވެސް، ވިއްސާ ކޮޓަރި ހުންނާނެ ކަމަށާއި ވިއްސާ ކޮޓަރިއަކީ އެކަށީގެންވާ ޖާގައެއް ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ވިއްސާ ކޮޓަރި ބޭނުންކުރަނީ ވަރަށް މަދު ހާލަތެއްގައި ކަމަށާއި އަދި ބައެއް ރަށްރަށުގައި ވިއްސާ ކޮޓަރި އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ވިއްސާ ކޮޓަރި ބޭނުން ނުކުރި ނަމަވެސް، ސިއްހީ ހިދުމަތް ދިނުމުގެ މިންގަނޑުން ބަލާއިރު ވިއްސާ ކޮޓަރިއަކީ ހުރުން ލާޒިމްތަނެއް ކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯގެ މިންގަނޑުތަކުގެ ތެރެއިން ވެސް އަދި އެހެންވެސް އިންތިޒާމުތަކުގެ ތެރެއިން ވިއްސާ ކޮޓަރިއެއް ބެހެއްޓުމަކީ ލާޒިމް ކަމެއްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، އެއީ ކުއްލި ހާލަތެއްގައި، ވިއްސަން ޖެހިއްޖެ ނަމަވެސް ކޮންމެހެން ބަހައްޓަން ޖެހޭ ޖާގައެއް ކަމަށެވެ. އަމީން ވިދާޅުވީ، ބައެއް ފަހަރު ވިއްސާ ކޮޓަރި އެހެން ކަންކަމަށް ބޭނުން ކުރެވުނު ނަމަވެސް، ޖާގައާއި ވަސީލަތްތައް އިތުރުނުކޮށް އުސޫލެއްގެ ގޮތުން އެކަން ކުރަން ފަށައިފިނަމަ ކުއްލި ހާލަތެއްގައި ގޮންޖެހުން ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށެވެ.