މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އުމުރުން 91 އަހަރުގައި އަވަހާރަ ވެއްޖެއެވެ.

މިސްރުގައި 1981 އިން ފެށިގެން 2011 އާ ހަމައަށް ވެރިކަން ކުރެއްވި ހުސްނީ މުބާރަކް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވީ ފަހުން ގާހިރާގެ އަސްކަރީ ހޮސްޕިޓަލެއްގައެވެ.

މުބާރަކު ވެރިކަމުން އިސްތިއުފާ ދެއްވީ މިސްރުގެ ރައްޔިތުން ބޮޑެތި މުޒާހަރާތަކެއް ކުރުމުންނެވެ. އަދި އާ ވެރިކަމުގައި މުބާރަކު ޖަލަށް ލައިފައި ވާއިރު 2017 ވަނަ އަހަރު މުބާރަކު ވަނީ މިނިވަން ކޮށްފައެވެ.

1928 ވަނަ އަހަރު އުފަންވެވަޑައިގަތް މުބާރަކަށް މިސްރުގެ ރައްޔިތުންގެ މެދުގައި މަޝްހޫރުކަން ލިބުނީ އިޒްރޭލާ އެކު ކުރެވުނު ޔޮމް ކިޕޫރް ހަނގުރާމާގައި އިޒްރޭލުގައި ސިފައިންނަށް މުބާރަކުގެ ބެލުމުގެ ދަށުން ބޮޑެތި ގެއްލުންތައް ދިނުމާ ގުޅިގެންނެވެ. 1972 ވަނަ އަހަރު މުބާރަކު ހުންނެވީ މިސްރުގެ ވައިގެ ލަޝްކަރުގެ އެންމެ އިސްވެރިޔާގެ މަގާމުގައެވެ.

މުބާރަކް ޖަލު ހުކުމް ތަންފީޒު ކުރެއްވި އިރު ގިނަ ދުވަސްތައް ހޭދަ ކުރެއްވީ ހޮސްޕިޓަލުގައެވެ. އަދި އޭނާ ދާދި ފަހުން ސާޖަރީ އެއް ހެއްދެވި ކަމަށް އޭނާގެ ދަރި އަލާ މުބާރަކް ވިދާޅުވި ނަމަވެސް، މުބާރަކްގެ އާލާސްކަންފުޅާ ބެހޭ ގޮތުން އެ އާއިލާއިން އިތުރު މައުލޫމާތު ހާމަކޮށްފައި ނުވެއެވެ.

މުބާރަކް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ތަކުރާރުކޮށް ދޮގު ކުރައްވާފައެވެ. އަދި ތާރީހުގައި އޭނާގެ ނަން ލިޔެވިގެން ދާނީ "އަމިއްލަ އެދުމެއް ނެތި ގައުމަށް ހިދުމަތް ކުރި، ގައުމު ދެކެ ލޯބިވާ" ބޭފުޅެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.