މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)، މުޅި ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިދާނެ ކަމަށްޓަކައި ހުރިހާ ގައުމަކުންވެސް މިހާރަށްވުރެ ބޮޑަށް ތައްޔާރުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ގޮވާލައިފިއެވެ.

މިކަމަށް ގޮވާލި ކަމުގައި ވީ ނަމަވެސް، ކޮވިޑް-19އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބޮޑު ބަލިމަޑުކަމެއް ނުވަތަ ޕެންޑަމިކްއެކޭ ބުނަން އަދި މާ އަވަސް ކަމަށްވެސް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ. ނަމަވެސް ގައުމުތަކުން މިހާރުވެސް އޮންނަންވީ ތައްޔާރީ ހާލަތުގައި ކަމަށް އެ ޖަމިއްޔާއިންވަނީ ފާހަގަކޮށްފައެވެ.

ޕެންޑަމިކް އެކޭ ބުނެވެނީ، އިންފެކްޝަންއެއްގެ ޒަރިއްޔާއިން ޖެހޭ ބަލިމަޑުކަމެއް، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާރުތަ ވަމުން ގޮސް، މުޅި ދުނިޔޭގެ އެކި ހިސާބުތަކަށް ނުވަތަ ބޮޑު ސަރަހައްދަކުން ގިނަ ބަޔަކަށް އެ ބަލީގެ އަސަރު ކުރުމުންނެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، މުޅިން އަލަށް އީރާނުން ބަލި ފެނުމާ، އިޓަލީވިލާތާ ދެކުނު ކޮރެޔާއިން އާ ކޭސްތައް ފެންނަމުންދިއުމަކީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ކަންމިހެން އޮތް ނަމަވެސް، ކޮންޓްރޯލުން ނެއްޓިފައިވާ ހަލުވި މިނެއްގައި ބަލި ފެތުރިގެން ދާތަން އަދި ނުފެންނަ ކަމަށާ، މި ބަލީގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، އެ ބަލީގައި މަރުވާ މީހުންގެ ނިސްބަތް އިތުރުވަމުންދާތަންވެސް ނުފެންނަކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ. ކޮވިޑް-19އަކީ އަދި މިވަގުތު ޕެންޑަމިކް ދަރަޖައިގެ ރޯގާއަކަށް ނުވި ކަމުގައި ވީ ނަމަވެސް، މިއީ އެ ފުރުސަތު އޮތް ރޯގާއެއް ކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް ބާޒާރަކުން އުފެދި، ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ އަސަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 37+1 ގައުމަކާ ސަރަހައްދަކުން ވަނީ ފެނިފައެވެ.