މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު އިސްތިއުފާ ދެއްވައިފިއެވެ. 94 އަހަރުގެ މަހާތީރު އިސްތިއުފާ، އެގައުމުގެ ރަސްގެފާނަށް ހުށަހަޅުއްވައިފިކަން މަހާތީރު ވަނީ ޔަގީން ކޮށް ދެއްވާފައެވެ.

މެލޭޝިއާގެ ސަރުކާރު ހިންގުމުގެ ކޮއިލުގައި މިދިޔަ ހަފުތާ ބަންދުން ފެށިގެން ހިންގަމުންދާ ހާޖާނު ތަކާއެކު، ޑރ މަހާތީރު ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވަން ނިންމަވާ، ރަސްގެފާނަށް އެކަން އަންގަވާފައި ވަނީ ޖީއެމްޓީ ގަޑިން ފަތިހު 05:00 (މެލޭޝިއާ ގަޑިން މެންދުރު 01:00)ގައި ކަމަށް ޚަބަރު ލިބެއެވެ.

މެލޭޝިއާގެ ވެރިކަން ކުރާ ޕަކަތާން ހަރަޕާން ކޯލިޝަނުން ޑރ މަހާތީރުގެ ބެރްސާތޫ ޕާޓީ ވަކިވެފައި ވާކަމުގެ ޚަބަރުތަކެއްވެސް މިހާރު ވަނީ ފެންމަތިވެފައެވެ.

މިދިޔަ ހަފުތާ ބަންދުން ފެށިގެން މެލޭޝިއާގެ ސަރުކާރުގައި ކޯޅުންތަކެއް އުފެދިފައި ވަނީ، މެލޭޝިއާގެ ކުރީގެ ލީޑަރު އަންވަރު އިބްރާހީމާއެކު ހަދާފައިވާ ކޯލިޝަންގެ އެއްބަސްވުމާ ހިލާފަށް، އަންވަރުގެ ޕާޓީ ނުހިމަނާ މެލޭޝިއާގައި އާ ސަރުކާރެއް އެކުލަވާލަން އުޅުމުގެ މަޝްވަރާތަކެއް ކުރިއަށް ދާކަމުގެ ތުހުމަތުތަކާ އެކުގައެވެ.

މެލޭޝިއާގެ ސިޔާސީ ޝަހްސު އަންވަރު އިބްރާހީމް/ފޮޓޯ: އަލްޖަޒީރާ

އުމުރުފުޅުން 94 އަހަރުގެ ޑރ މަހާތީރާއި، 72 އަހަރުވެފައިވާ އަންވަރަކީ މެލޭޝިއާގެ ސިޔާސީ މަސްރަހުގެ 2 ލީޑަރުން ކަމަށް ވާއިރު، އެއީ ސިޔާސީ ހަތުރުން ކަމަށްވެސް ބުނެވިދާނެއެވެ. ދޭތެރެ ދޭތެރެއިން 2 ލީޑަރުންގެ ދެމެދުގައި ބޮޑެތި ކޯޅުންތަކަކާ ތުހުމަތުގެ އިނގިލި އަމާޒު ކުރުމުގެ "ޑްރާމާ" ތަކެއް ފެންމަތިވެގެން ގޮސްފައި ވާއިރު، 2018 ވަނަ އަހަރުގެ އިންތިހާބުގައި 2 ލީޑަރުން އެކުގައި ނިކުންނެވީ 60 އަހަރު ވަންދެން މެލޭޝިއާގެ ވެރިކަމުގައި އޮތް އުމްނޯ ކޯލިޝަން ބޭރުކޮށްލެއްވުމުގެ މަގުސަދުގައެވެ.

ޑރ މަހާތީރާއި އަންވަރު އެކުގައި ނިކުންނަވާ މެލޭޝިއާގެ ސިޔާސީ މަސްރަހުގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔެ ސިއްސުވާލީ، ބޮޑުވަޒީރު ކަމުގެ މަގާމުގައި ކުރިން ހުންނެވި ނަޖީބު ރައްޒާގުގެ ވެރިކަން ވައްޓާލެއްވި ހިސާބުންނެވެ. ނަޖީބުގެ ވެރިކަމަށް ފަހު މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ޑރ މަހާތީރު ވަޑައިގެންނެވީ ވަކި ހިސާބަކުން އަންވަރާ ބާރުތައް ހަވާލުކުރައްވަން ނިންމަވާ، އެކަން އިއުލާން ކުރެއްވުމަށް ފަހުގައެވެ. ނަމަވެސް ވެރިކަން ފެށިގެން ދިއުމާއެކު އެފަދަ ކަމެއް ކުރައްވާނެ ކަމުގެ އިޝާރާތެއް ޑރ މަހާތީރު ދެއްވާފައެއް ނުވެއެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުން ޑރ މަހާތީރު އިސްތިއުފާ ދެއްވަން ނިންމަވާ، ރަސްގެފާނަށް އެކަން އަންގަވާފައި ވާއިރު، ޑރ މަހާތީރުގެ އިސްތިއުފާ ރަސްކަމުގެ ކޮއިލުން ބަލައިގެން ކަމެއް ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ.