އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާނީ 877 ގޮނޑިއަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަދި "ރަށްވެހި ފަތިސް" ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން 880 އަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލު ކުރި ނަމަވެސް، އޭގެ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައި ވަނީ 877 ކެންޑިޑޭޓުން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފޯމުތައް ބަލައިގެންފައި ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.

އަންނަ އޭޕްރިލް މަހު 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކައުންސިލްތަކަށް 337 އަންހެން ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ 38 ޕަސަންޓެވެ.

އަފްޝަން ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު ނިމި ރަށްވެހި ފަތިހަށް އަލިވިލުމާއެކު ރަށްރަށުގެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށްދާނީ އަންހެނުންގެ ބޮޑު ހިއްސާއެއް އޮވެގެން ކަމަށެވެ. އަދި އެއާއެކު ހައްލު ނުލިބި ހުރި ގިނަ މައްސަލަތަކަށް ދާއިމީ ހައްލު އަންނަ މަންޒަރު ފެންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު މިހާރު ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބޭން ޖެހެއެވެ. އަދި ކައުންސިލްގެ 33 ޕަސެންޓު ވަނީ އަންހެނުނަން ހާއްސަކޮށްފައެވެ. މި އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު، އޭގެ ތެރެއިން 384 ޖާގަ ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ.