ސޫރިޔާގެ ވެރިރަށް ދިމިޝްކާއި، ފަލަސްތީނުގެ ގައްޒާއަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާކަމަށް އިސްރާއީލުން އިއުތިރާފުވެއްޖެއެވެ.

ވައިގެ މަގުން ދިން މި ހަމަލާތައް ދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އިސްރާއީލުން ބުނާ ގޮތުގައި ދިމިޝްކުގެ ދެކުނުން ހަމަލާތައް ދީފައި ވަނީ، ގައްޒާއިން އިސްވެ ރޮކެޓް ހަމަލާ ދިނުމުގެ ސަބަބުންނެވެ. އެސަރަހައްދަކީ އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި ގައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ގޮފިން ސޫރިޔާގައި އޮޕަރޭޝަންތައް ހިންގާ ސަރަހައްދެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނީ އިސްރާއީލުން ވައިގެ ހަމަލާތައް ދީފައިވަނީ ދިމިޝްކުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރާ ދާދި ކައިރިން ކަމަށެވެ. ކަންމިހެން އޮތްއިރު ސޫރިޔާގެ ރަސްމީ ޚަބަރު ފަތުރާ 'ސަނާ' އޭޖެންސީއިން ބުނީ، އިދިކޮޅު ފަރާތްތަކުގެ ހަމަލާތަކުން ދިފާއު ހޯދާފައިވާކަމަށާ، މިއިން އެއްވެސް ހަމަލާއެއް ވައިގެ ބަނދަރަކަށް އަމާޒުވެފައި ނުވާކަމަށެވެ.

ވައިގެ މަގުން އިސްރާއީލުން ދޭ މިފަދަ ހަމަލާތަކަށް އިސްރާއީލުން އިއުތިރާފުވުމަކީ މަދުން ނޫނީ ނުވާކަމެކެވެ.

އިސްރާއީލުން ރޭ ދަންވަރު ދިން އުދުވާންތަކުގައި 2 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އިތުރު ތަފްސީލިތަކެއް އަދި ނުލިބެއެވެ.

އިސްރާއީލާ ސޫރިޔާއަކީ ޒަމާނުއްސުރެ 2 ހަތުރުން ކަމަށްވާއިރު، ގައްޒާއަކީ އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައި އަދިވެސް އޮތް ސަރަހައްދެކެވެ.